ކުޅިވަރު

ހަޒާޑާއި ބެންޒެމާގެ ގޯލްތަކުން ރެއާލްއަށް މުހިއްމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން އަލާވޭސް ބަލިކޮށްފިއެވެ.

އަލާވޭސްގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ރެއާލްގެ ގޯލްތައް ޖަހައިދިނީ ކަރިމް ބެންޒެމާގެ އިތުރުން އެޑެން ހަޒާޑް އަދި ކަސަމޭރޯއެވެ. މެޗުގައި ބެންޒެމާ ވަނީ ދެ ގޯލް ޖަހާފައެވެ. މެޗުން މޮޅުވެ، ރެއާލްއިން ލީގު ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ހަތަރު ޕޮއިންޓް ގާތުގައެވެ. އެތުލެޓިކޯ އަތުގައި ދެ މެޗު އަދި ނުކުޅެ އޮތްއިރު، އަދިވެސް އެއްވަނައަށް އަރަން ރެއާލްއަށް އޮތީ އުނދަގޫ މަގެކެވެ.

ކޮވިޑް 19 ޖެހިގެން އައިސޮލޭޝަންގައި ހުރި ކޯޗު ޒައިނުއްދީން ޒިދާން ނުލައި ރެއާލްއިން ރޭގެ މެޗަށް ނުކުތީ ފޯމް ރަނގަޅު ކުރުމަށް މަޖުބޫރުވެފައި ވަނިކޮށެވެ. މިދިޔަ ހަފްތާގައި ތިންވަނަ ޑިވިޝަން އަލްކޮޔާނޯ އަތުން ބަލިވެ، ކޮޕަ ޑެލް ރޭއިން ކަޓާފައިވާއިރު، ރެއާލްއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.

މެޗުގެ ފުރަތަމަ ގޯލް ކަސަމޭރޯ ބޮލުން ޖަހައި ވައްދާލިއިރު، ބެންޒެމާ ވަނީ ހާފް ނިމުމުގެ ކުރިން ނަތީޖާ ފުޅާ ކޮށްދީފައެވެ. އެ ގޯލަށް ތަނަވަސްކޮށްދިން ހަޒާޑް، ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ތިންވަނަ ގޯލެއް ޖެހިއިރު، ރޭގެ މެޗަކީ ހަޒާޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މެޗެކެވެ. ޗެލްސީން ރެއާލްއަށް ބަދަލުވިފަހުން ދަށް ފޯމެއްގައި ފެނިގެންދާ ހަޒާޑަށް އަނިޔާގެ އެތައް މައްސަލައަކާ ކުރިމަތިލާން ޖެހުނުއިރު، މި ސީޒަންގެ ކުރީކޮޅުގައިވެސް އޭނާއަށް ވަނީ ދެފަހަރަށް އަނިޔާވެފައެވެ.

އަލާވޭސްގެ ޖޯސުލޫ ގޯލެއް ޖަހައި، ނަތީޖާ 3-1 އަކަށް ބަދަލު ކޮށްލި ނަމަވެސް، ބެންޒެމާ ވަނީ އަނެއްކާވެސް ރެއާލްއަށް ތިން ގޯލްގެ ލީޑެއް ހޯދައިދީފައެވެ.