ޚަބަރު

އިމްރާންގެ ކެމްޕެއިނަށް މެނޭޖަރަކު ހަމަޖައްސައި، ކެމްޕެއިން މިރޭ ލޯންޗު ކުރަނީ

އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިން މިރޭ ފައްޓަވާނެ ކަމަށް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިހާބުގައި އިމްރާން އާ ވާދަކުރައްވަން ކުރިމަތިލައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

އިމްރާން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގައި އޭނާގެ ކެމްޕެއިން މެނޭޖަރަކަށް ޝައިހް މުހައްމަދު ޝިފާން ހަމަޖައްސައި، ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ކެމްޕެއިން ލޯންޗު ކުރުމުގެ ހަފުލާ މިރޭ އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އަދާލަތު ޕާޓީން އާންމުކޮށްފައިވާ ގޮތުގައި އިމްރާންގެ ރަނިންމޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފެވެ. އަދި ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހުމަދު ނަޝީދެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބި މީހުންނަށެވެ.