ދުނިޔެ

ޝިންޖިއާންއާ ގުޅޭ ޕޯސްޓަކާ ގުޅިގެން އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ޓުވިޓާ އެކައުންޓު ސަސްޕެންޑުކޮށްފި

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އުޅޭ ވީގޫރު މުސްލިމުންނާ މެދު އެ ގައުމުން ގެންގުޅޭ ސިޔާސަތު ދިފާއުކޮށް އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓުވީޓަކާ ގުޅިގެން އެ އެމްބަސީގެ ޓުވިޓާ އެކައުންޓް ސަސްޕެންޑުކޮށްފި އެވެ.

ޗައިނާގެ ސަރުކާރު ނޫހެއްގައި ޖަހާފައިވާ ދިރާސާއަކާ ހަވާލާދީ ޗައިނާ އެމްބަސީން މިމަހު ކުރި ޓުވީޓެއްގައި ބުނީ، ވީގޫރުގެ އަންހެނުންނަކީ މިއަދު "ކުޑަކުދިން އުފައްދާ މެޝިންތަކެއް" ނޫން ކަމަށެވެ.

ޓުވިޓާ އިން އެ ޕޯސްޓު މިހާރު ނަގާފައިވާއިރު، ޗައިނާގެ އެމްބަސީގެ އެކައުންޓް ސަސްޕެންޑު ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، އިންސާނުން ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ދެއްކުމެވެ.

ޓުވިޓާ އިން ގެންދަނީ އެ ޕްލެޓްފޯމާ ހިލާފަށް ކުރަމުން އަންނަ ޓުވީޓުތައް ނުފެންނަ ގޮތަށް ހަދަމުންނެވެ. ނަމަވެސް އެފަދަ ޓުވީޓުތައް، އެ އެކައުންޓެއްގެ ވެރިފަރާތުން މެނުއަލްކޮށް ޑިލީޓް ކުރަންޖެހެ އެވެ.

އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ޓުވިޓާ އެކައުންޓް ސަސްޕެންޑު ކޮށްފައިވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ސަރުކާރުން ޝިންޖިއާންގައި ހިންގަމުން އަންނަނީ ގަތުލުއާންމެއް ކަމަށް ތުހުމަތު ކުރި ފަހުންނެވެ.