ހއ. ހޯރަފުށި މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓު މުހައްމަދު ޝަރީފުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ޝަރީފު ތަނާޒުލްވާންޖެހޭ މައްސަލައަކުން ތަނާޒުލްނުވެ އެ މައްސަލަ ހިންގައި ނިންމި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

ޝަރީފުގެ މައްސަލައެއް ބަލަން ނިންމާފައިވާއިރު، ޖޭއެސްސީން ވަނީ ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސެއިންގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފަ އެވެ. އޭގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދު އާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ ސުލޫކީ މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.