ޚަބަރު

ލޮނުމެދާއި ކެރެޓުގެ އަގު އަތް ނުފޯރާ ފަށަށް (ވީޑިއޯ)

ރިފާ ހަލީލު

ލޮނުމެދާއި ކެރެޓުގެ އަގު އުފުލުން

ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައިވުމުގެ ސަބަބުން ރާއްޖެއަށް ލޮނުމެދާއި ކެރެޓް ލިބުމަށް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން މީގެ ކުރިން ބާޒާރު މަތީގައި މަތިމައްޗަށް ލޮނުމެދު ބަސްތާތައް ޖަހާފައި ހުންނަ މަންޒަރު ފެނުނު ނަމަވެސް މިހާރު ބާޒާރުމަތިން ފެންނަނީ ތިން ހަތަރު ކިލޯގެ ލޮނުމެދު ފިހާރަތަކުގައި ހުރިތަނެވެ. އަދި ގިނަ ފިހާރަތަކުގައި އެވަރުގެ އެތިކޮޅެއްވެސް ނެތެވެ.

ރާއްޖެއަށް ލޮނުމެދާއި ކެރެޓް އެންމެ ގިނައިން އެތެރެ ކުރަނީ ޗައިނާއިން ކަމަށްވާއިރު ކޮވިޑުގެ ސަބަބުން ޗައިނާ ބޯޑަރު އަދިވެސް ވަނީ ބަންދުކޮށްފަ އެވެ.

ބާޒާރުމަތީގައި ފިހާރަ ހިންގަމުން އަންނަ ބައެއް ފަރާތްތަކާ "ވަން" އިން ވާހަކަ ދައްކައިލުމުން އެ މީހުން ބުނީ މިހާރު ލޮނުމެދާއި ކެރެޓް ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެގޮތުން މި ދެބާވަތަކީ މައިގަނޑު ގޮތެއްގައި ޗައިނާއިން ގެންނަ ދެ ބާވަތަށް ވެފައި ބޯޑަރުތައް ބަންދުކޮށްފައިވުމުން މުދާ ގެނައުމަށް ވަރަށް ބޮޑު ތަކުލީފު އުފުލަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޑޮލަރުގެ އަގު މަތިވުމުގެ ސަބަބުންވެސް މިކަމަށް ބުރޫ އަރާ ކަމަށްބުންޏެވެ.

އެހެން ވިޔަފާރިވެރިޔަކުވެސް ބުނީ ޗައިނާ އިން ކޮންޓެއިނަރުތައް އައުމުގައި ލަސްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ސްރީލަންކާގެ ކޮލަމްބޯ އިން ބައެއް ކޮންޓެއިނަރުތައް އައުމުގައި ލަސްތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ. މަދު ބަޔަކު މި ދެބާވަތް ކޮންމެވެސް ވަރަކަށް އެތެރެކުރި ނަމަވެސް އެހެން ވިޔަފާރިވެރީން އެމީހުން އަތުން ނުގަންނަނީ މާބޮޑު އަގުގައި ވިއްކާތީ ކަމަށް ވެސް ވަން އާ ވާހަކަދެއްކި ބައެއް ވިޔަަފާރިވެރީން ބުންޏެވެ.

ބާޒާރުގައި ލޮނު މެދު ކިލޯއެއްގެ އަގު މީގެ ކުރިން 35 ރުފިޔާއާއި 45 ރުފިޔާއާ ދެމެދުގެ އަގެއްގައި ހުރި ނަމަވެސް މިހާރު އަގު އުޅެނީ 100 ރުފިޔާ އާއި 180 ރުފިޔާ އާއި ދެމެދުުގެ އަގެއްގަ އެވެ. މީގެ ކުރިން ކެރެޓް ކިލޯއެއްގެ އަގު 20 ރުފިޔާ އާއި 35 ރުފިޔާ އާއި ދެމެދުގައި ހުންނައިރު މިހާރު ކެރެޓް ކިލޯއެއްގެ އަގަކީ 90 ރުފިޔާ އާއި 120 ރުފިޔާ އާއި ދެމެދުގެ އަގެކެވެ.

މީގެ ކުރިން އިންޑިއާ އިން ފިޔާ ބޭރުކުރުން ހުއްޓާލުމުން ރާއްޖޭގައި ފިޔާ ލިބުން ދަތިވެ ފިޔާގެ އަގުވެސް އުފުލިގެން ދިޔައެވެ. ނަމަވެސް އިންޑިއާއިން އަލުން ފިޔާ ބޭރުކުރުމުގެ ހުއްދަ ދިނުމުން ސަރުކާރުން ވަނީ ފިޔާ ވިއްކޭނެ އެންމެ މަތީ އަގު ކަނޑަ އަޅާފަ އެވެ.