ކުޅިވަރު ކުޅުއްވަން އުޅުއްވަނިކޮށް ޑިފެންސް މިނިސްޓަރު މާރިޔާ މުހައްމަދު ދީދީގެ އަތުގެ ކުޑަހުޅު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރީން ބިންދައިގެން ގޮސް ސާޖަރީއެއް ކުރައްވަން ޖެހިވަޑައިގަތެވެ. ސާޖަރީއަށްފަހު އަތުގައި ޕްލާސްޓަރު އަޅުއްވައިގެންވެސް ނިކުންނެވީ މަސައްކަތަށެވެ.

ރޭގެ ވަގުތެއްގައި މިނިސްޓަރު މާރިޔާގެ ޕާސަނަލް ސެކްރެޓަރީ މުހައްމަދު ޝާން (ކުޑޭ) ޓުވިޓާއަށް ދޫކޮށްލި ފޮޓޯއިންވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެވެ. އަތުގައި ޕްލާސްޓަރު އަޅާފައި ހުއްޓަސް އެކަމަނާ ހިތްވަރު ދޫނުކުރައްވައި އަދާ ކުރައްވާ ވަޒީފާގެ މަސްއޫލިއްޔަތު ހުކުރެއް ހޮނިހިރެއް ރޭގަނޑެއް ދުވާލެއް ނެތި ކުރައްވަމުން ގެންދަވާ ކަން އެ ފޮޓޯއާއެކު ކުޑޭ ޖަހާފައިވާ ކެޕްޝަންގައި ލިޔެފައި އޮތެވެ.

މާރިޔާ ރޭ ކުރައްވަން އިންނެވި މަސައްކަތަކީ ސިފައިންގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަންތަކެއް ދިނުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް ބޭނުންވާ ލިޔެ ކިޔުންތަކުގައި ސޮއި ކުރެއްވުމުގެ މަސައްކަތެވެ. ބެލެވޭ ގޮތުގައި މިއީ، މިހަފްތާގެ ރަސްމީ ދުވަސް ފެށުމުގެ ކުރިން ހުރިހާ މަސައްކަތް ނިންމައި، ޕްރޮމޯޝަން ލިބުނު މީހުންނަށް ރަސްމީ މަސައްކަތަށް ނިކުންނަ ފުރަތަމަ ދުވަހު ހަވާލު ކުރުމަށް ކުރެއްވި މަސައްކަތެވެ.

މާރިޔާ މިއަދު އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައިވަނީ މިއީ ވަރަށް ބަދުނަސީބު ދުވަސްތަކެއް ކަމަށެވެ.

އެ ބަދުނަސީބު ކަންކަމަށް އިޝާރާތް ކުރައްވައި، މާރިޔާ ވިދާޅުވީ އޭނާގެ އަތް ބިންދައިގެން ދިޔުމާއި، ލޯބިވާ މަންމަގެ ބަލި ހާލު ބޮޑުވެ އެޑްމިޓްވާން ޖެހުމާއި، ގާތް ރައްޓެއްސެއް ކަމަށްވާ ޝަރަފިއްޔާ މަރާ ހަނގުރާމަ ކުރަމުން އައިސީޔޫގައި އޮންނެވި ކަމަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"މަންމަ އަށް ކޮވިޑް ނުޖެހުނަސް ވަރަށް ބޮޑަށް ބަލި ވި. އެކަމަކު މިހާރު އިރާދަކުރެއްވިއްޔާ ހާލު ރަނގަޅުވަމުން އަންނަނީ. އަދި ޖެނެރަލް ޝަމާލްވެސް ކޮވިޑް ބަލިން ރަނގަޅުވެއްޖެ. އަޅުގަނޑުވެސް މިހާރު ބޭސްފަރުވާގަ. ފާއިތުވި ދެތިން ހަފްތާ އަކީ ވަރަށް އުދަނގޫ ދުވަސްތަކެއް. އެކަމަކު އަންހެނުން ކުރަންޖެހޭ ކަންކަން އަންހެނުން ކުރާނެ." ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ މީހުންނަށް ޝުކުރު އަދާކުރައްވައި ޖަހާފައިވާ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.