އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ އިންވެސްޓިގޭޝަން އޮފިސަރު ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަން ކުރިމިނަލް ކޯޓުގައި އެޖެންޑާ ކޮށްފިއެވެ.

ބޮޑު ހިޔާނާތުގެ މައްސަލައިގައި އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މަނީލޯންޑާ ކުރުމުގެ ދެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދެ ދައުވާއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައި ވަނީ، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރީލް 2016ގެ ނިޔަލަށް އޭސީސީގައި ތަހުގީގީ އޮފިސަރެއްގެ ގޮތުގައި އާޒިމް މަސައްކަތްކުރި އިރު، އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރާއި ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުވުމަށްޓަކައި ޒިޔަތާއި އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން އޭނާއަށް 100،000 ޑޮލަރު ލިބިދީފައިވާ ކަމަށެވެ.

އެ މައްސަލައިގައި އާޒިމްގެ މައްޗަށް މަނީލޯންޑަރިންގެ ދެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ 6 ޑިސެމްބަރު 2020 ގައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.