ދުނިޔެ

ލަންކާގެ ހެލްތު މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މުހައްމަދު އައުޒަމް

ލަންކާގެ ހެލްތު މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތްރަ ވަނިއްރައްޗީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަވެފައިވަނީ ކޮވިޑަށް ހެދި އެންޓިޖެން ޓެސްޓުންނެވެ.

މިނިސްޓަރުގެ ހަށިގަނޑުން ސާމްޕަލް ނަގައި ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. ނަމަވެސް ޕީސީއާރު ޓެސްޓުގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ލަންކާގައި އާންމުންގެ ތެރޭގައި ކޭސްތަކެއް ނުފެނި ގިނަ ދުވަސްތަކަކަށް ވުމަށްފަހު އެގައުމުގެ މައި މަސް މާރުކޭޓަކުން ކޭސްތަކެއް ފެނި ކޮވިޑްގެ އިތުރު ރާޅެއް ވަނީ އަރައިފައެވެ. މިހާރު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 500 އިން މަތީގައި ހުންނަ ކަމަށް ރެކޯޑްތަކުން ދައްކާފައިވެއެެވެ. ލަންކާ އިން މިހާތަނަށް 52،000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެއެވެ.

ލަންކާގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާ އިރު، އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން އެގައުމުގައި ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ލަންކާގެ ނެޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ދީފައެވެ.

ސްރީލަންކާގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ހެލްތު ސާވިސަސް ޑރ. ހިމަންތާ ހެރަތު ވަނީ ވެކްސިނަށް ހުއްދަ ދިން ކަމުގައިވީ ނަމަވެސް ވެކްސިން ދޭން ފެށުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާތެރޭ ވެކްސިން ދިނުމުގެ ރިހާސަލްއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޑެޕިއުޓީ ވަނީ ވިދާޅުވެފައެވެ.