ޚަބަރު

ތިން ހަފުތާއިން 60،000 އަށްވުރެ ގިނަ ފަތުރުވެރިން

އަލީ ޔާމިން

މިމަހުގެ މިހާތަނަށް ރާއްޖެއަށް 60،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 60،581 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 13،880 އަށްވުރެ ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 10،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރެއިނުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބައިނަލްއަގުވާމީ 27 އެއާލައިނަކުން ރާއްޖެއަށް އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި އެމިރޭޓްސް، ސްރީލަންކަން އެއާލައިންސް، އެއާ ފްރާންސް ފަދަ މަޝްހޫރު އެއާލައިންތައް ހިމެނެއެވެ.

ކޮވިޑް 19އާ ގުޅިގެން ރިސޯޓުތައް ބަންދުކުރުމަށް ފަހު ހުރިހާ ރިސޯޓެއް ކަހަލަ ގޮތަކަށް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ އިރު، ގެސްޓްހައުސްތަކާއި ސަފާރީތަކާއި ރިސޯޓުތައް ހިމެނޭހެން 42،706 އެނދު މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު 15 ޖުލައި 2020 ގައި އަލުން ހުޅުވާލި ފަހުން ރާއްޖެއަށް 172،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 550،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.