ރެއާލް މެޑްރިޑްގެ ކޯޗު، ޒައިނުއްދީން ޒިދާން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ރެއާލްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 48 އަހަރުގެ ކޯޗު، ޒިދާން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާގެ ހާލު މިވަގުތު ހުރި ގޮތެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.
ރެއާލްއިން އިތުރަށް ބުނީ ކޮވިޑުން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކްލަބުން އަމަލު ކުރަމުން އަންނަ ކަމަށާއި، ކްލަބުގެ ހުރިހާ ކުޅުންތެރިންނާއީ އޮފިޝަލުންގެ ރައްކާތެރިކަމަށް އަބަދުވެސް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ރެއާލްއިން ކޮޕަ ޑެލްރޭގައި ތިންވަނަ ޑިވިޝަންގެ ޓީމަކާ ދެކޮޅަށް ކުޅެ ބަލިވެފައިވާ އިރު، ޒިދާނަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ. ކުރިއަށް އޮތް ލަލީގާ މެޗުގައި އަލާވޭސް ބަލިކުރަން ރެއާލަށް މަޖުބޫރުވެފައި އޮތް އިރު، އެޓީމު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.
ޒިދާންއަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އޭނާ ވަނި ފްރާންސާއެކު ވޯލްޑް ކަޕް އުފުލާލައި، ރެއާލްއާއެކު ކުޅުންތެރިއެއްގެ ގޮތުގައާއި، ކޯޗެއްގެ ގޮތުގައިވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ރެއާލްގެ ކޯޗު ކަމުގައި ފުރަތަމަ ހޭދަކުރި ތިން ސީޒަންގައިވެސް ޒިދާން ޗެމްޕިއަންސް ލީގު ހޯދި އިރު، ދެވަނަ ބުރަކަށް ހަވާލުވެ، އޭނާއަށް އަދި އެ ކާމިޔާބީ ތަކުރާރު ކުރެވިފައެއް ނުވެއެވެ.
ނޫސްތަކުން ބުނެފައިވަނީ ރެއާލްގެ ބޯޑުން ޒިދާން ވަކިކުރަން ވިސްނާ ކަމަށާއި އެކަމަކު ޒިދާން ކްލަބުން ފޮނުވާލަން ބޯޑުން ވިސްނަނީ ސީޒަން ނިމުމުން ކަމަށެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް