މިހާތަނަށް ރާއްޖޭގެ ކޯޓަކުން ނަގައިދިން އެންމެ ބޮޑު ޖޫރިމަނާ ނަގައިދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިއްޔެ ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ، އަމިއްލަ ފަރުދުންތަކެއްގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ނަގާފައިވާ 240،000 ރުފިޔާގެ ތެރެއިން 227،570 ރުފިޔާ ނުދައްކާ އޮވެގެން 286 މިލިއަން ރުފިޔާ ނަގައިދިނުމަށް ސިވިލް ކޯޓުން 1 އޮކްޓޫބަރު 2016ގައި ކުރި ހުކުމެކެވެ. އެ ހުކުމް ކޮށްފައިވަނީ އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި އެއްބަސްވެފައިވާ ގޮތުގެ މަތީން ދައްކަން ޖެހޭ 80 އިންސައްތައަށްވާ ޖޫރިމަނާ ފައިސާއާއި ވަކީލު އުޖޫރައަށްވާ 20،000 ރުފިޔާ އެކީ އެއްފަހަރާ ހޯދުމަށެވެ.

ސިވިލް ކޯޓުން ނެރުނު ހުކުމްގައި ވަނީ، ފައިސާ ނުދައްކައި ވޭތުވެދިޔަ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި 182،056 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، މުދަލުގެ އަގު އަދާކުރުމަށް ދީފައިވާ އެންމެ ފަހުގެ ޑޭޓެޑް ޗެކުގެ ތާރީހުކަމުގައިވާ 7 ސެޕްޓެމްބަރު 2007 އިން ފެށިގެން އެ ދައުވާގައި ޖޫރިމަނާ ފައިސާ ހޯދުމަށް އެދިފައިވާ އެންމެ ފަހު ތާރީހު ކަމުގައިވާ 29 ޑިސެންބަރު 2022ގެ ނިޔަލަށް ވޭތުވެފައިވާ 1572 ދުވަހަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 286،192،032 ރުފިޔާ އާއި ވަކީލް އުޖޫރައަށް ދޭން އެއްބަސްވެފައިވާ 20،000 ރުފިޔާއާއެކު ޖުމްލަ 286،439،602 (286 މިލިއަން) ރުފިޔާ ދިނުމަށެވެ.

މި މައްސަލައިގައި ފައިސާ ދައްކަންޖެހޭ ދެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބަލައި، ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނީ މަދަނީ އެއްބަސްވުންތަކުގެ ދަށުން ޖޫރިމަނާ ނެގުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނު ހުއްދަކުރާ ކަމެއް ކަމުގައިވީ ނަމަވެސް ޖޫރިމަނާގެ ގޮތުގައި ނަގައިދޭ މިންވަރު މާ ބޮޑުވެގެން ނުވާނެ ކަމަށެވެ.

ޖޫރިމަނާގެ ގޮތުގައި ނެގުމަށް އެއްބަސްވުމުގައި އޮންނަ މިންވަރަކީ މާ ބޮޑު މިންވަރެއް ކަމުގައިވާނަމަ، އެ ހާލަތުގައި ކޯޓުތަކުން އެ މިންވަރު މަދުކުރުމަކީ ކުރެވޭނެ ކަމެއް ކަމަށްވެސް ހުކުމްގައި ބުންޏެވެ.

އެ ހުކުމްގައި ހައިކޯޓުން ބުނެފައިވަނީ ޖޫރިމަނާގެ ގޮތުގައި ނެގޭނީ ދައްކަންޖެހޭ އަސާސީ އަދަދަށްވުރެ އިތުރުނުވާ މިންވަރެއް ކަމަށާއި އެއަށްވުރެ ބޮޑު އަދަދެއް ނެގޭނީ އަސާސީ މިންވަރު ނުދެއްކުމުން ލިބޭ ގެއްލުން ދައްކަން ޖެހޭ އަސްލު މިންވަރަށްވުރެ އިތުރުވާކަން ސާބިތުކޮށްދީގެން ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ފައިސާ ލިބެންޖެހޭ ފަރާތަށް 286 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ހައިކޯޓުން އެ މައްސަލައިގައި އިއްޔެ އިއްވި ހުކުމްގައި ވަނީ ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ނަގަން އޮތް ބައި ބާތިލުކޮށް އޭގެ ބަދަލުގައި ދައްކަންޖެހޭ އަސްލު އަދަދާ އެއްވަރަށް 227،570 ރުފިޔާ ޖޫރިމަނާގެ ގޮތުގައި އެއް މަސް ތެރޭގައި ދެއްކުމަށެވެ.