ސްރީލަންކާގައި އޮކްސްފޯޑް ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފިއެވެ.
އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފައިވަނީ ސްރީލަންކާގެ ނެޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.
ސްރީލަންކާގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ހެލްތު ސާވިސަސް ޑރ. ހިމަންތާ ހެރަތު ވަނީ ވެކްސިނަށް ހުއްދަ ދިން ކަމުގައިވީ ނަމަވެސް ވެކްސިން ދޭން ފެށުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާތެރޭ ވެކްސިން ދިނުމުގެ ރިހާސަލްއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޑެޕިއުޓީ ވަނީ ވިދާޅުވެފައެވެ.
ޑރ. ހިމަންތާ ވަނީ ލަންކާގެ ހެލްތުު ޔުނިޓްތަކަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ތައްޔާރުވެފައިވާ ކަމަށާއި ވެކްސިން ލިބުނުހާ އަވަހަށް އެ މަަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އޮކްސްފޯޑް ވެކްސިންގެ އިތުރުން އެހެން ވެކްސިންތަކަށް ވެސް ހުއްދަދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
ލަންކާގައި އާންމުންގެ ތެރޭގައި ކޭސްތަކެއް ނުފެނި ގިނަ ދުވަސްތަކަކަށް ވުމަށްފަހު އެގައުމުގެ މައި މަސް މާރުކޭޓަކުން ކޭސްތަކެއް ފެނި ކޮވިޑްގެ އިތުރު ރާޅެއް ވަނީ އަރައިފައެވެ. މިހާރު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 500 އިން މަތީގައި ހުންނަ ކަމަށް ރެކޯޑްތަކުން ދައްކާފައިވެއެެވެ.
ލަންކާ އިން މިހާތަނަށް 52،000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެއެވެ.