ހައި ސްޕީޑް ފެރީގެ ނިޒާމު ހިންގާއިރު މާލީ ގޮތުން އެމްޓީސީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުގެ ބަޖެޓުން ދޭނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫއުގެ ތަފުސީލުތައް ދެއްވަމުން ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި އާޒިމް ރޭ ވިދާޅުވީ، އެމްޓީސީސީން ދޭ ހައި ހައި ސްޕީޑް ފެރީގެ ހިދުމަތަކީ އަވަސް އަދި ރައްކާތެރި ހިދުމަތަކަށްވާނެ ކަމަށެވެ.
"މި ހިދުމަތަކީ އަވަސް ހިދުމަތެއް. މިސާލެއްގެ ގޮތުން މި ނިޒާމުގެ ސަބަބުން ކުރިން 30 މިނެޓުން ކުރެވޭ ދަތުރުތައް ދިހަ މިނެޓުން ކޮށްލެވޭނެ." އާޒިމް ވިދާޅުވިއެވެ.
ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ޖުމްލަ 41 ރަށަކަށް ހިދުމަތް ދެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ދަތުރުތަކުގައި 14 ލޯންޗެއް ބޭނުންކުރާއިރު، ތިން ބެކަޕް ލޯންޗެއް ވެސް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖެ ގުޅާލުމަކީ ސަރުކާރުން އިހްލާސްތެރި ނިޔަތެއްގައި ސަރުކާރުގެ ބޮޑު ސަބްސިޑީއަކާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެ މަޝްރޫއު ކުރިއަށް ގެންދާއިރު މާލީ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން އެމްޓީސީސީއަށް ދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ކުރިން މި އޮންނަނީ ރަށެއް ދީފައި، އެރަށުން ލިބޭ އާމްދަނީއަކުން ހިންގާ ގޮތަށް. އެހެންނަމަވެސް އެ ނިޒާމު އެހާ ކާމިޔާބުކަމާއެކު ނުދިޔުމާ ގުޅިގެން މިފަހަރު ސަރުކާރުން ނިންމާފައި މިއޮތީ ސީދާ، ވާ ގެއްލުން ސަރުކާރުގެ ބަޖެޓުން އެމްޓީސީސީއަށް ދޭ ގޮތަށް. އެހެންކަމުން ވަރަށް އިހުލާސްތެރިކަމާއެކު ރަނގަޅު ނިޔަތެއްގައި ފެށިގެން އަންނަ މަޝްރޫއެއްމީ" އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، އެ މަޝްރޫއު ފެށުމަށް 57 މިލިއަން ރުފިޔާގެ އެހީއެއް ސަރުކާރުން އެމްޓީސީސީއަށް ދޭނެ ކަމަށާއި އެކަމުގެ އިންތިޒާމުތައްވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ހައި ސްޕީޑް ފެރީގެ ހިދުމަތް ހަފުތާގެ ހަތް ދުވަހު ދޭއިރު، އެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ލޯންޗުތަކަކީ 40 މީހުންގެ ޖާގައިގެ ލޯންޗުތަކެކެވެ. އަދި އެ ލޯންޗުތައް ގަޑިއަކު 30-35 މޭލު ދުވާނެއެވެ. ލޯންޗުތަކުގައި އޭސީ އާއި ޓީވީގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ހައި ސްޕީޑް ފެރީގެ ހިދުމަތާއެކު ގައުމުގެ އިގްތިސޯދުވެސް ރަނގަޅުވެ، ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވޭނެ ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓުން އެކަނިވެސް 1،000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޓީސީސީން އަމާޒު ހިފާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހައި ސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށޭވަރު ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު