ޚަބަރު

ފަނޑިޔާރު ޝަހީދުގެ ރައުޔު: ޔާމީންގެ ޖަލު ހުކުމް ބާތިލު ކުރަންޖެހޭ، އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެ

އަލީ އަފާފް ރަމީޒު

2

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ހައި ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގައެވެ.

އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށްފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލައި، އެ ފައިސާއިން ފައިދާ ހޯދަމުން އަންނަ ކަން ވެސް ވަނީ ސާބިތުވެފައެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސެއިން މަަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަގުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަށް ތާއީދުކޮށް އެ ހުކުމް ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ.

އެ ހުކުމާ ހިލާފަށް ރައުޔު އިއްވަމުން ފަނޑިޔާރު ޝަހީދު ވަނީ އިޖުރާއަތްތަކާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. އަދި ހުކުމް ބާތިލުކުރަންޖެހޭ ގިނަ ނުކުތާތަކެއްވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ޔާމީންގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނަޑައަޅައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެ ނުކުތާތަކާ ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ކަމާގުޅުންހުރި ގާނޫނުތަކަށާއި ގަވާއިދުތަކާއި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެންމެހާ ލިޔުންތަކަށް ރިއާޔަތްކޮށް، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ގިނަ ފަރާތްތަކެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން، ދައުލަތުގެ ކަމާ ގުޅުންހުރި ގިނަ އިދާރާތަކުން ނެރެފައިވާ ރިޕޯޓްތަކުން އެނގެން އޮންނަ އިރު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް ހުކުމްކުރުމާ ހަމައަށްވެސް، އެސްއޯއެފް މެދުވެރިކޮށް އެ ފައިސާ ލިބުނު އިތުރު ފަރާތެއްގެ މައްޗަށް ދައުވާކޮށްފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ކޮށްފައިވާ ދައުވާއަކީ ގާނޫނުއަސާސީގެ 33 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއާ ހިލާފަށް ތަފާތުކުރުމުގެ ތެރެއިން އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ތަހުގީގުގައި މައިގަނޑުގޮތެއްގައި ސުވާލުކޮށްފައިވަނީ ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވިގެން އެ ކުށުގެ ތުހުމަތުގައި ކަމަށެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، އެކަށީގެންވާ މިންވަރަކަށް ތަހުގީގުކުރެވިފައި ނުވާ އަދި ޔާމީންގެ ހައްގުތަށް ގެއްލޭގޮތަށް، ހިންގާފައިވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުލަތުން އުފުލާފައިވާ ދައުވާއެއް ކަމަށްވެސް ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެއެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 336 ވަނަ މާއްދާގައި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވޭ. މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް ދުރާލާ ކަނޑައަޅައިފައެއް ނުވޭ. އަދި އެކަމާ ގުޅޭގޮތުން ދައުލަތާއި އިސްތިއުނާފުކުރާ ފަރާތާ އެއްވެސް މަޝްވަރާއެއް ވެސް ކޮށްފައެއް ނުވޭ. މިއީ، ބުނެވިދިޔަ މާއްދާއާ ހިލާފު ކަމައްކަމަށް އަހުރެން ދެކެން،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެއެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ހެކިބަސް ދީފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުالله ޒިޔަތަކީ ދިވެހި ދައުލަތަށާއި ދިވެހި ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ދެފަރާތް ކަމަށެވެ. އަދި އޭގެ ތެރެއިން އަހުމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންގެ ޖާނު ގޮއްވާލުމުގެ ދައުވާ ސާބިތުވެފައިވާ ފަރާތެއް ކަމަށެވެ. އެހެންކަމުން އެ ދެފަރާތުގެ ހެކިބަސް ޝަރީއަތަށް ބަލައިގަނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.

"ދައުލަތުން އަބްދުالله ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިވެރިން ކަމުގައިވާ މުއައްވިޒު ރަޝީދާއި އަހްމަދު އަދީބާއި އަބުދުالله ޒިޔަތުގެ ހެކިބަހަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން، ޝަރީއަތަށް ބަލައިގަނެވޭނެ އަދި އެ މައްޗަށް ޖިނާއީ ހުކެއް ސާބިތުކުރެވޭނެ ހެކިބަހެއް ކަމުގައި އަހުރެން ނުދެކެން،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެއެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ މަނީލޯންޑާ ކުރުމުގެ އެންމެ އަސާސީ އެއް އުންސުރަކީ "އަސްލު އޮޅުވައިލުން" ކަމަށްވާ އިރު، ރައީސް ޔާމީން މި މައްސަލައިގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެފަރާތުން އަމަލުކޮށްފައިވަނީ ތެދު ނިޔަތުގައިކަން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

"ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހަވާލުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވޭ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅީ އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ އިސްނެގުމަށްކަން އެނގެން އޮންނައިރު، ހަމައެކަނި އެކަމަށް ބަލާއިރު ވެސް އެފަރާތުގެ ތެދު ނިޔަތް އޮތްކަން އެނގޭކަމާއި އެސްކްރޯ އެއްބަސްވުން ހެދުމާގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު ކުރެވުނު މަޝްވަރާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަބަދުވެސް ވާހަކަ ދައްކާފައިވަނީ އެއް މިލިޔަން ޑޮލަރަށްވާ ވަރަށް ފައިސާ އެ ކޮމިޝަނަށް ބޭނުންވެއްޖެނަމަ ނެގޭގޮތަށް ބެހެއްޓުމަށްކަމާއި، އެއްވެސް ހާލެއްގައި ސީދާ ވަކި ފައިސާއެއް ބަހައްޓާކަށް ވާހަކަ ދައްކާފައެއް ނުވާކަމާއި، މިކަން ދައުލަތުން ހުށަހެޅި ހެއްކެއްކަމުގައިވާ މުއައްވިޒު ރަޝީދުގެ ހެކިބަހުން ވެސް އެނގޭ،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެއެވެ.

އެހެންކަމުން ރައީސް ޔާމީން އަމަލު ކުރައްވާފައިވަނީ އެ އަދަދަށްވާ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށް ކަމަށާއި އެއްވެސް ހާލެއްގައި މަނީ ލޯންޑާ ކުރުމުގެ ނުވަތަ އެނޫން ވެސް އެފަދަ ޖަރީމާއެއް ހިންގުމުގެ ނުބައި ނިޔަތެއް ނެތްކަން އެ މުޅި މުއާމަލާތަށް ބެލުމުން އެނގެން އޮންނަ ކަމަށްވެސް ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެއެވެ.