ދިވެހި ޕްރިމިއާ ލީގު

ސަސްއާއި ވެލެންސިއާ މެޗު ގޯލެއް ނުޖެހި އެއްވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބު ވެލެންސިއާ ވާދަކުރި މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެއެވެ.

މިއަދު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރު ވެގެން ނިމުމާއެކު، ވެލެންސިއާއަށް ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރުމަށް އޮތް ފުރުސަތު ވަނީ ގެއްލިފައެވެ. މި ބުރުގެ ފަހު މެޗުން އެއްވަރުވެ، ވެލެންސިއާއިން ކުޅުނު ހަތް މެޗުން އެޓީމަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. އެއްވަނައިގައި މާޒިޔާ އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކުގައެވެ.

ސަސްއިން މި ބުރުގައި ކުޅުނު ހަތް މެޗުން އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ. ފަސް މެޗުން އެއްވަރުވެ، އެއް މެޗުން އެޓީމު މޮޅުވިއިރު، ބަލިވީ މާޒިޔާ ކައިރިން އެކަންޏެވެ. އެޓީމަށް ހަތް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. ފަސްވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއިން މެޗެއް މަދުން ކުޅު، ސަސްއާ އެއްވަރަށް ޕޮއިންޓް ހޯދާފައިވާއިރު، ސަސްއަށް ހަތަރު ވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

މިދިޔަ ހަފްތާގައި ކުޅުނު މެޗުން ބަލިވެފައި ވެލެންސިއާ އޮތްއިރު، އެ މެޗު ފެށީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާ ނުލައެވެ. އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައިވެސް އޭނާ ފެންނާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ޕްރި މެޗު ޕްރެސްގައި މުހައްމަދު އާތިފް (އާތީ) ބުނެފައިވެއެވެ. ދަގަނޑޭއާއެކު ވެލެންސިއާއިން މެޗު ފަށާފައިވާއިރު، މެޗުގައި ޓީމުގެ ގޯލް ބެލެހެއްޓީ މުހައްމަދު ފައިސަލެވެ. މީގެ ކުރިން ޓީމުގެ ގޯލަށް ކުޅެމުންދިޔަ މުހައްމަދު ޝަފީއު (ޗެކް) ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް، ކޯޗު އަތީ ވަނީ ފުރަތަމަ ގޯލްކީޕަރު ބަދަލު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ސަސްއަށް ލީޑު ނަގަން ފުރުސަތެއް ލިބިގެން ދިޔައެވެ. މެދުތެރެއަށް ކުޅެމުންދިޔަ އަހުމަދު ހަމީދު އުފެއްދި ރަނގަޅު ހަމަލާއެއް ވެލެންސިއާ ގޯލަށް އަމާޒުވި ނަމަވެސް ގޯލްކީޕަރު ފައިސަލް، އެ ހަމަލާ މަތަކޮށް ބޭރުކޮށްލިއެވެ. މެޗުގެ ކުރީކޮޅުގައި މަދު ހަމަލާތަކެއް ފެނިފައިވާއިރު، 23 ވަނަ މިނެޓުގައި ވެލެންސިއާއިން އެންމެ ފުރަތަމަ ހަމަލާ އުފެއްދިއެވެ.

އަރިމަތިން މިދުހަތު ފަހުމީ (ބިޗަޑު) ސަސްގެ ޑިފެންޑަރު ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ހަނި އޭންގަލްއިން ފޮނުވާލި ހަމަލާ މަތަކުރީ ސަސްގެ ގޯލްކީޕަރު މިރްޒޮކިޑް ރަވަޝަންބެކެވެ. އޭގެ މިނެޓެއް ފަހުން އަނެއްކޮޅުން ސަސްއިން ނުރައްކާ ކުރިއެވެ. އަރިމަތިން ކުރިއަށް ޖެހި ސަސްގެ ވިންގް ބެކް، މުހައްމަދު ތިލްމީޒް ނަގައިދިން ހުރަސް، އޭރިއާ ތެރޭގައި ހުހަށް އޮތް ސަސްގެ ބިދޭސީ ފޯވަޑް ވިކްޓޯ މުނޯޒަށް ގޯލަށް ފޮނުވާލަން ލިބުނު ނަމަވެސް، އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ދަގަނޑޭގެ ހަމަލާއެއް ފެނުނެވެ. އޭރިއާ ތެރެއަށް ހުސައިން ނިޔާޒް (ބޮކުރީ) ނަގައިދިން ހުރަސް ދަގަނޑޭ ވަރަށް ބާރަށް ގޯލަށް ފޮނުވާލި ނަމަވެސް ގޯލްކީޕަރު ގައިގައި ޖެހި ބްލޮކް ވެގެން ދިޔައެވެ. ސަސްގެ މެނޭޖުމަންޓްގައި ހިމެނޭ ދަގަނޑޭއަށް މެޗުގެ ކުރިން ބޮޑު ފޯކަސްއެއް އަމާޒުވެފައި އޮތްއިރު، މެޗުގެ ފަހު ހާފްގައިވެސް އޭނާގެ ނުރައްކާތެރި ބައެއް ޕާސްތައް ފާހަގަ ކޮށްލެވުނެވެ.

ހަމަލާތައް މަދުން ހާފް ފެނިގެން ދިޔައިރު، ހާފްގެ ކުރީކޮޅުގައި ފެނުނީ ޓެމްޕޯގައި ހާފްގެ ފަހު ހާފް ކުޅުންތައް ފެނިފައެއް ނުވެއެވެ. ހަމަލާތައްވެސް މަދުން ފެނުނުއިރު، ދެޓީމުގެ ފަރާތުންވެސް ގިނަ ޕާސްތަކެއް ގެއްލިގެން ދިޔަތަން ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް ދެޓީމުގެ އެޓޭކަށް ކުޅޭ ކުޅުންތެރިންނަށްވެސް ރަނގަޅު ކޮމްބިނޭޝަން ކުޅުންތަކެއް އުފެއްދިފައި ނުވާކަން ފާހަގަވެގެން ދިޔައެވެ.

ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭއާއި ޔުނައިޓެޑް ވިކްޓަރީއެވެ.