ސްޕެނިޝް ކަޕް، ކޮޕާ ޑެލްރޭގައި ރޭ ތިންވަނަ ޑިވިޝަން ކްލަބަކާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބު، ރެއާލް މެޑްރިޑުން ރޭގެ މެޗުގައި އަލްކޮޔާނޯ އަތުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ. އެ ވަގުތުގައި އަލްކޮޔާނޯއިން ލީޑު ނެގީ އެޓީމުގެ ރަމޮން ލޮޕޭޒްއަށް ރަތް ކާޑު ދައްކާފައިވުމުން، ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންނެވެ.

މެޗުގައި ރެއާލްއަށް އެޑާ މިލީޓޯ ލީޑު ނަގާދީފައިވާއިރު، މެޗު ނިމެން 10 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ހޯޒޭ ސޮލިބެސްއެވެ. މެޗުގެ އިތުރުން ވަގުތު އަލްކޮޔާނޯއަށް ލީޑު ނަގައިދިނީ ޖުނާންއެވެ.

މެޗަށްފަހު މާޔޫސީ މޫނަކާއެކު ހުރި ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާފައެވެ. ޒިދާން ބުނެފައި ވަނީ ކުޅުންތެރިން 100 ޕަސެންޓް ދިން ނަމަވެސް ލިބުނު އެތަކެއް ފުރުސަތެއްގެ ބޭނުން ނުކުރެވި، ރެއާލްއަށް ޕްރެޝަރު ވެގެން ދިޔައީ ކަމަށެވެ.

ރެއާލްގެ ބައްޔާއެކު ސްޕެއިންގެ މީޑިއަތަކުން ވަނީ ޒިދާންއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭއެސްގެ އެޑިޓާ އިން ޗީފް، ތޯމަން ރޮސޭރޯ ބުނެފައި ވަނީ ރޭގެ ބައްޔަކީ ރެއާލްގެ ޒަމާންވީ ތާރީހުގައިވެސް އެންމެ ހަޑި، އަދި އެންމެ ލަދުވެތި ބަލި ކަމަށެވެ. އަދި ޒިދާންގެ ފޯމް ގެއްލިފައިވާ ކަމަށް ބުނަމުން އޭނާ ބުނީ ޒިދާންގެ މާ، މިލައި މޯޅި ވެއްޖެ ކަމަށެވެ.

ސްޕެއިންގެ އެންމެ ބޮޑު އެއް މީޑިއާ، މަރްކާއިން ބުނެފައި ވަނީ ރޭގެ ބަލިން ޒިދާން ސަލާމަތްވާނެ ގޮތެއް ހޯދުން އެއީ އުނދަގޫ ކަމެއް ކަމަށެވެ.