ޕޯޗުގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ޖެހި 760 ވަނަ ގޯލާއެކު ޔުވެންޓަސްއިން ރޭ އިޓަލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާއިރު، އެންމެންގެ ލޯތައް އަމާޒުވީ ގޯލް ރެކޯޑަށެވެ.

ރޭގެ މެޗު ޔުވެންޓަސްއިން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުގައި ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްއަށް ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލްވާރޯ މޮރާޓާއެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ގޯލާއެކު ކެރިއަރުގައި 760 ގޯލް ހަމަކޮށް، ދުނިޔޭގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު ރޮނާލްޑޯ އަތުލައިފި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ރޮނާލްޑޯގެ އެ ރެކޯޑަކީ އެތަކެއް ސުވާލުތަކެއްގެ ތެރޭގައި އޮތް ކަމެކެވެ. ކުރިން ކުޅުނު ގިނަ ކުޅުންތެރިންގެ ގޯލްތައް ރެކޯޑު ކުރުމަށް އުނދަގޫތަކެއް ހުރިއިރު، އެ ކުޅުންތެރިންގެ ގޯލްތަކަކީ ޕްރޯ ލީގުތަކުގައި ޖަހާފައިވާ ގޯލްތައް ކަމެއްވެސް އެނގޭކަށް ނެތެވެ. ޕެލޭ އަމިއްލައަށް ބުނާ ގޮތުގައި އޭނާ ވަނީ އެކިއެކި މެޗުތަކުގައި 1200 އަށްވުރެ ގިނަ ގޯލް ޖަހާފައެވެ. އެހެން ނަމަވެސް އެއީ ކޮން ޑިވިޝަންތަކެއްގައި ކަމެއް ނޭނގެއެވެ.

ޑޭޓާ ފޮކް ރެކްރިއޭޝަނަލް ސްޕޯޓްސްގެ ސްޓެޓިސްޓިކްސް ފައުންޑޭޝަންގެ ރަސްމީ ލިޔެކިޔުންތަކުގައި ވާ ގޮތުން ރޮނާލްޑޯއަށްވުރެ ކުރީގައި އަދިވެސް އޮތީ ޖޯސެފް ބިކަންއެވެ. ބިކަން 530 މެޗުން 805 ގޯލް ޖަހާފައިވާ ކަމަށް އެ ތަފާސްހިސާބުގައި ވާއިރު، އެ ލިސްޓް އެކުލަވާލާފައި ވަނީ ދަށް ޑިވިޝަންތަކުގައި ކުޅުނު ކުޅުންތެރިން ނުލައި ކަމަށްވެސް ބުނެފައިވެއެވެ.

2001 ވަނަ އަހަރު މަރުވެފައިވާ ބިކަން ރެޕިޑް ވިއޭނާއާއި ސަލްވިއާ ޕްރާގަށްވެސް ކުޅެފައިވެއެވެ. އޭނާގެ އަދަދުތަކާ މެދުވެސް ސުވާލުތަކެއް އުފެދޭ ހިސާބަކީ، ހަބަރުތަކުން ބުނެފައި ވަނީ ބިކަން ޖެހި ގޯލްތަކުގެ ތެރެއިން 27 ގޯލަކީ ވިއޭނާގެ ރިޒާވް ޓީމަށް ކުޅުނުއިރު، ޖެހި ގޯލްތަކެއް ކަމަށެވެ. އެއީ އެމެޗާ ލެވެލް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

އެ ލިސްޓްގައި ވާގޮތުން ރޮނާލްޑޯ ދެވަނައިގައި އޮތް ނަމަވެސް، ހަބަރު ފަތުރާ ގިނަ ބަޔަކު ބުނެފައި ވަނީ މިހާރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތީ ރޮނާލްޑޯ އަތުގައި ކަމަށެވެ. ޑޭޓާ ފޮކް ރެކްރިއޭޝަނަލް ސްޕޯޓްސްގެ ސްޓެޓިސްޓިކްސް ފައުންޑޭޝަންއިން ބުނެފައިވާ ލިސްޓްގައި ދެން ވާދަކޮށްލަން ތިބި ކުޅުންތެރިންނަކީ ރޮމާރިއޯއާއި ޕެލޭއެވެ. އެ ލިސްޓްގައި ވާގޮތުން ރޮމާރިއޯ ވަނީ ކެރިއަރުގައި 772 ގޯލް ޖަހާފައެވެ. ޕެލޭއަށް ޖެހިފައިވަނީ 767 ގޯލެވެ. ރަސްމީކޮށް ތަފާސްހިސާބު ބަލަހައްޓަން ފެށި ހިސާބުން ޔަގީންވާ އަދަދުތަކަށް ބަލާއިރު، ލިސްޓަށް އެންމެ ގާތުން ވާދަކުރާ އެއް ކުޅުންތެރިޔަކީ ލިއޮނަލް މެސީއެވެ. އޭނާގެ ކެރިއަރު ގޯލްގެ އަދަދަކީ ޔަގީނުންވެސް 719 އެވެ.

ރޮމާރިއޯއާއި ޕެލޭ 1000 ގޯލަށްވުރެ ގިނައިން ޖެހި ކަމަށް ބްރެޒިލްގެ ބައެއް ނޫސްތަކުންވެސް ބުނެފައިވާއިރު، ޕެލޭގެ މީސް މީޑިއާ އެކައުންޓްތަކުގެ ބަޔޯގައިވެސް ބުނެފައި ވަނީ އޭނާއަކީ ތާރީހު ދުށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ކަމަށެވެ. އޭނާގެ އަމިއްލަ އަދަދަކީ 1283 އެކެވެ. އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ޕެލޭ އެ އަދަދު ހަމަކުރަނީ އެމެޗާ މިލިޓަރީ ޓީމަކާއި ސަންޓޯސްގެ ފްރެންޑްލީ މެޗުތަކުގައި ޖެހި ގޯލްވެސް ލައިގެން ކަމަށެވެ. ސަންޓޯސްއިންވެސް ބުނެފައި ވަނީ އެކުވެރިކަމުގެ މެޗުތައް ލާނެ ކަމަށާއި، އޭރުން ސަންޓޯސްއަށް ޖެހި ގޯލްގެ އަދަދުވެސް 1091 އަކަށް އަރާ ކަމަށެވެ.

ރޮމާރިއޯ 1000 ގޯލް ޖަހައިގެން 2007 ވަނަ އަހަރު ވަނީ އުފާފާޅު ކޮށްފައެވެ. އެއީ ކީއްވެތޯވެސް އެތައް ސުވާލެއް ކުރެވެއެވެ. ތަފާސްހިސާބު ބަލާ ތަޖުރިބާކާރުން ބުނެފައި ވަނީ އެއީ ޒުވާން ޓީމުތަކުގެ މެޗުތަކާއި އެކުވެރިކަމުގެ މެޗުތަކާއި، ޗެރިޓީ މެޗުތައްވެސް ލައިގެން ގުނައިގެން ގޯލް ޖެހި އަދަދު ކަމަށެވެ. އެ އަދަދަކީ ރަސްމީ މެޗުތަކުގެ އަދަދު ނޫން ކަމަށެވެ.

ކޮންމެއަކަސް ދުނިޔޭގެ ތާރީހުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދިވެސް ޔަގީންކަމާއެކު ބުނާކަށް ނޭނގޭނެ އެވެ. ހާއްސަކޮށް ބްރެޒިލްގެ ކުޅުންތެރިން ހަދާ މަކަރު ތަފާސް ހިސާބު ބަލަހައްޓާ އެއްވެސް ކުންފުންޏަކަށްވެސް ނޭނގެއެވެ.