ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް ހުރިހާ ދިވެހިންނަށް ހުޅުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ވެކްސިން ޕޯޓަލްގައި ހުރިހާ ރައްޔިތުންވެސް ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

"ވެކްސިން ޕޯޓަލްގައި ހުރިހާ ބޭފުޅުންވެސް ރަޖިސްޓަރީ ކުރުން ވަރަށް މުހިންމު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ޕޯޓަލްގައި ރަޖިސްޓްރީވުމުން ވެކްސިން ޖަހަން އެޕޮއިންޓްމަންޓް އެމީހެއްގެ ފޯނަށް އަންނާނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް އެމީހެއް ވެކްސިން ޖެހިކަމުގެ ޑޮކިއުމަންޓްވެސް ފެންނާނެ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރުކަމުން ގިނަ ބަޔަކު ގެނެސްގެން ވެކްސިން ނުޖެހޭނެ ކަމަށާއި އެހެންކަމުން ގައިދުރުކަން ކަށަވަރުވާނެ ގޮތަށް މަދު އަދަދުތަކުން މީހުން ގެނެސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީ ކުރަން ޖެހޭނީ https://my.health.mv/ ޕޯޓަލްގައެވެ. އެ ޕޯޓަލްގައި ރަޖިސްޓަރީވުމަށް ފުރަތަމަ ހުޅުވާލީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރީންނަށެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓަރީވުމަށް ހުޅުވާލިިއިރު މިއަދު ރާއްޖެއަށް ވަނީ އިންޑިއާއިން އުފެއްދި ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ވެކްސިނޭޝަން ޕްރޮގްރާމް ފަށާނީ ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.