ޚަބަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އާމިނަތު އަބްދުﷲ ޒުހައިރު އައްޔަންކުރައްވައިފި

އަލީ ޔާމިން

ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އެ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އާމިނަތު އަބްދުﷲ ޒުހައިރު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަން" އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އާމިނަތު އަބްދުﷲ ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އާމިނަތު އަބްދުﷲ، ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް އައްޔަނުކުރީ 25 މާޗް 2019 ގައެވެ. މިހާރު އެ ޓްރައިބިއުނަލްގެ ނާއިބު ރައީސް އަކީ ހަސަން އިބްރާހީމް، މ. ހާދޫ އެވެ.

އާމިނަތު އަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީން މާސްޓާސް އޮފް ލޯސް-އެލް.އެލް.އެމް އެމްޕްލޯއިމެންޓް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޓްރައިބިއުނަލަށް އައްޔަނުކުރުމާ ހަމައަށް އޭނާ ހުންނެވީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓެންޓްގެ މަގާމުގައެވެ.