ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމުގެ ގޮތުން ފަށާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށެވެ.

އެ ދާއިރާތަކުން، "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ، ރައީސް އޮފީހުގެ ވެބްސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށްކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުވެސް، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބައްދަލުވުމަށް ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ، 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 ކަމަށް ރައީސް އޮފީހުން ބުންޏެވެ.