ބައެއް ފަރާތްތަކުން މާލޭގައި ހުއްދަ ނުނަގައި ނުރައްކާތެރި ކެމިކަލް ގުދަންކޮށް، އެ ތަކެތި ވިއްކަމުންދާކަން ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކުން ހުއްދަ ހޯދުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.

ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލްތައް އެތެރެކޮށް ގުދަންކޮށް، ބޭނުންކޮށް، ވިއްކާ އަދި ނައްތާލަން ވަނީ ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ 5 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވާލާފައިވާ ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދުގެ ދަށުންނެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ، ނުރައްކާތެރި ކެމިކަލްތައް ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި ގުދަންކޮށް ވިއްކުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ނުރައްކާތެރި ކެމިކަލް ވިއްކަންވާނީ "ކެމިކަލް ވިއްކުމުގެ ހުއްދަ" އަށް އެދި ޑިފެންސް މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދުމަށް ފަހުގައިކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެ ހުއްދައަށް އެދި ހުށަހަޅަން ވާނީ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ "ކެމިކަލް ވިއްކުމުގެ ހުއްދައަށް އެދޭ ފޯމް" މެދުވެރިކޮށެވެ.

އެ ފޯމް ހުށަހެޅުމަށްފަހު ނުރައްކާތެރި ކެމިކަލް ވިއްކުމަށްޓަކައި، އެ ކެމިކަލްތައް ބަހައްޓާ ފިހާރަ މަކުޑި ޕޯޓަލްގައި ރަޖިސްޓަރީ ކުރަންވާނެކަމަށާއި، "ކެމިކަލް ވިއްކުމުގެ ހުއްދަ" ދޫކުރެވޭނީ ކެމިކަލް ބަހައްޓާ ފިހާރަ އިންސްޕެކްޓް ކުރުމަށްފަހު ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅެ އަދި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފަރާތްތަކަށްކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ކެމިކަލް ވިއްކާ ފަރާތްތަކުން، ކެމިކަލް ވިއްކުމަށްޓަކައި މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި "ކެމިކަލް ވިއްކުމުގެ ހުއްދަ" ހޯދުމަށާއި، ކެމިކަލް ވިއްކުމަށްޓަކައި ކެމިކަލް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރަޖިސްޓާ ކުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ އަންގައިފައެވެ.

އެ މުއްދަތަށްފަހު، ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކަމުންގެންދާ ފަރާތްތަކާއިމެދު ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ބުންޏެވެ.