ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ އޮންނާނެއެވެ.
މާދަމާ މެންދުރުފަހު 2:15 އަށް އެ މައްސަލައިގެ ހުކުމް އިއްވުން ހައި ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލައިގެ ހުކުމް އިއްވުން މީގެކުރިން މިމަހުގެ 14 ވަނަ ދުވަހަށްވެސް ތާވަލު ކުރިއެވެ. ނަމަވެސް ފަހުން ކެންސަލް ކުރީއެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ އސިްތިއުނާފީ އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް މައްސަލައިގައި ހުކުމް ނުކޮށް ދިގުލައިގެންދާތީ ރައީސް ޔާމީންގެ ވަކީލުންނާއި އާއިލާއިން އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގަައި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅުއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް ފާހަގަކުރައްވާފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، ވޮޑަމުލާގެ ކުލީގެ ފައިސާކަމަށް ދައުލަތުން ބުނާ އިރު، އެ މައްސަލައިގެ ތަހުގީގުގައި ވޮޑަމުލާއާ ބެހޭގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީންއާ ކޮށްފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުންޏަކީ، ގާނޫނާ ހިލާފު ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމަށް އެއްވެސް އިދާރާއަކުން ނިންމާފައި ނުވާ އިރު އެ ފައިސާއަކީ ގާނޫނާ ހިލާފު ފައިސާއެއް ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ޖަމީލު ވިދާޅުވި ގޮތުގައި، ހައިކޯޓުން މި މައްސަލަ ދަމަހައްޓައިފިނަމަ ގާނޫނާ ހިލާފަށް ތަހުގީގު ހިންގުމަށްފަހު ވެސް ދައުވާ އުފުލުމަކީ މައްސަލައެއް ނޫން ކަމުގައި އިގުރާރު ވެވިގެންދާނެއެވެ.
ރައީސް ޔާމީންގެ އިތުރު ދެ ޝަރީއަތެއް މިހާރުވެސް ދަށު ކޯޓުގައި ކުރިއަށްދެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު