ޚަބަރު

އިންޑިއާއިން ވެކްސިން ފޯރުކޮށްދޭން ފެށުމުން ދޭހަވަނީ އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ މިންވަރު: ޝާހިދު

ރިފާ ހަލީލު

އިންޑިއާއިން ވެކްސިން ދޭން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ފެށުމުން ދޭހަވަނީ އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ މިންވަރު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިން ހަވާލުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަން ފެށުނީއްސުރެ ބަލިން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި މިއަދު އިންޑިއާއިން ފޯރުކޮށްދިން އެއްލައްކަ ޑޯޒްގެ ކޮވިޑް ވެކްސިނަކީ އޭގެ ނަތީޖާއެއް ކަމަށެވެ. އަދި މިއީ މިފަދަ ފުރަތަމަ ޝިޕްމަންޓް ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާނެ ވެކްސިން ލިބޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދޭން ފެށިތާ ހަތަރު ދުވަސް ތެރޭގައި އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަކީ އެގައުމުން އެހެން އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ މިންވަރުު ހާމަވާ ކަމެއް ކަމަށެވެ. އަދި މިކަމަށްޓަކައި އިންޑިއާ ސަރުކާރަށް މިނިސްޓަރު ވަނީ ހާއްސަ ޝުކުރެއް އަދާ ކުރައްވައިފައެވެ.

އިންޑިއާގެ ގައުމީ ބަސް ކަމަށްވާ ހިންދީ ބަހުން ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަށް ދިމާވާ މިފަދަ ކޮންމެ ބޮޑު ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ. އަދި އެކަމުން ދޭހަވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަވެފައިވާކަން ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާ އިން މިއަދު ރާއްޖެ ގެނައި ކޮވިޑު ވެކްސިނަކީ އެގައުމުގެ ސީރަމް އިންސްޓްޓިއުޓް އިން އުފައްދާ އޮކްސްފޯޑް – އެސްޓްރެޒެނެކާގެ "ކޮވިޝިލްޑް" ވެކްސިނެވެ.

އެ ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ގެނެސްފައިވާ އިރު، އެ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެނައި ވެކްސިނެވެ.