އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން މިރޭ މާލޭގަޑިން ދިހައެއް ޖަހާއިރު މަގާމުގެ ހުވައި ކުރައްވާނެއެވެ. އައު ރައީސާއި ނާއިބުރައީސް ހުވައި ކުރައްވާނީ އިހަށްދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގި މަޖިލިސް އިމާރާތުގެ ބޭރުގައެވެ. ހުވައިކުރެއްވުމުގެ ރަސްމިއްޔާތު މާލޭގަޑިން މިރޭ އަށަކުން ފެށިގެން ކުރިޔަށްދާނެއެވެ. ހުވައިކުރައްވާނީ އެކިއެކި ފަންނާނުން ލަވަކިޔުމާއި ބަނދި ކިޔުމާއި ބަނދި ޝަރަހަކުރުމާއި ހެވިކަމުގެ އެކި ކުޅިވަރުތައް ދައްކައިލުން ފަދަ ކަންކަމަށްފަހުގައެވެ. މިކަންތައް ގާތްގަޑަކަށް ދެގަޑިއިރަށް ދެމިގެންދާނެއެވެ. މި ރަސްމިއްޔާތުގައި ޓްރަމްޕު ބައިވެރިއެއް ނުވާނެއެވެ. އެކަމަކު އޭނާގެ ނާއިބު މައިކް ޕެންސް ބައިވެރިވާނެއެވެ.
ވެެރިކަން ބަދަލުވާއިރު ޓްރަމްޕު ހުންނާނީ ކޮނަތާކުބާވައެވެ. އޭނާ ހުންނާނީ ފްލޮރިޑާ ސްޓޭޓްގައިވާ އޭނާގެ އަމިއްލަ ރިސޯޓެއްގައެވެ. ޓްރަމްޕަކީ މިގޮތަށް ބޮޑާހާކާފައި ރަސްމިއްޔާތުގައި ބައިވެރިނުވެ ވޮޝިންޓަނުން ފައިބާ ހަތަރުވަނަ ރައީސެވެ. އެންމެފަހުން މިގޮތަށް ބޮޑާހޭކީ މީގެ 152 އަހަރު ކުރިން އެންޑްރޫ ޖޮންސަނެވެ. އޭނާއަކީ އެމެރިކާގެ ތާރީޚުގައިވެސް އިމްޕީޗުކުރެވުނު ފުރަތަމަ ރައީސެވެ. ޓްރަމްޕަކީ އެއްފަހަރަށްވުރެ ގިނައިން އިމްޕީޗްކުރެވުނު ފުރަތަމަ ރައީސެވެ. ޓްރަމްޕު ފަދައިން ރަސްމިއްޔާތު ބޮއިކޮޓްކުރި އަނެއް ތިން ރައީސުންނަކީވެސް އެއްދައުރުގެ ރައީސުންނެވެ. ދެވަނަ ދައުރަކަށް ނުހޮވި ރައްޔިތުންގެ ވޯޓުން ކަޓުވައިލި ރައީސުންނެވެ.
ޖޯ ބައިޑެންގެ ރިޔާސަތު ފެށިގެންދާގޮތް ނުބަލާންވެގެން ވޮޝިންޓަނުން ފޭބި ޓްރަމްޕު އޭނާގެ ވެރިކަމުގެ އެންމެފަހު ދުވަހު ކުރިކަމަކީ އެކިއެކި ޖަރީމާތަކުގައި ޖަލަށްލެވިފައިވާ ކުށްވެރީންގެ ތެރެއިން އޭނާ ހިތާވާހައި ބަޔަކަށް ރިޔާސީ މައާފުދީ މިނިވަންކުރުމެވެ. އިއްޔެ އެކަނިވެސް މަދުވެގެން ހަތްދިހަ މުޖުރިމުންނަށް މައާފުދިނެވެ. އިތުރު ސަތޭކައެއްހައި މުޖުރިމުންގެ މުއްދަތު ކުޑަކޮށްވެސް ދިނެވެ. މައާފުދީ ދޫކޮށްލި މީހުންގެ ތެރޭގައި މީހުންމެރުމުގެ ކުށް ސާބިތުވެފައިވާ ގާތިލުންނާއި ބޮޑެތި ވަގުންނާއި ފަސާދަޔާއި ޚިޔާނާތުގެ ބޮޑުން ހިމެނެއެވެ. ގިނައީ ޓްރަމްޕުގެ އެކުވެރީންނާއި އެކުވެރީންގެ އެކުވެރީންނެވެ. އަދި އޭނާގެ ދަރީންގެ ރަހުމަތްތެރިންނެވެ.
ޓްރަމްޕު ހިމެނުނީ ގާނޫންއަސާސީން ރައީސަށް ލިބިދީފައިވާ މައާފުދިނުމުގެ ބާރު ނަހަމަގޮތުގައި އެންމެ ފުޅާކޮށް ހިންގި ރައީސްކަމުގައެވެ. ބުނެވޭގޮތުގައި ބައެއް މުޖުރިމުންނަށް މައާފުދިނީ އެޖެންޓަކު މެދުވެރިކޮށް ފައިސާ އަތުލައިގެންނެވެ. މައާފެއްގެ އަގަކީ އެންމެ ކުޑަވެގެން ދެމިލިޔަން ޑޮލަރެވެ. އެމީހަކު ކުރި ކުށަކާއި ޖަލުގެ ހުކުމުގެ މުއްދަތަށް ބަލައިގެން މިއަދަދު ބޮޑުވެސްވެދެއެވެ. ރިޔާސީ މައާފު ނީލަމަށް ލައިގެން ފައިދާނެގި ކަމަށް ތުހުމަތު ކުރެވެނީ ޓްރަމްޕުގެ ވަކީލު ރޫޑީ ޖިއުލިއާނީގެ ކިބައިން ލިބުނު މައުލޫމާތުންނެވެ. ކޮންމެވެސް މުޖުރިމެއްގެ އާއިލާޔަށް ޖިއުލިއާނީ އެންގިކަމަށްވެއެވެ. ޖަލުން މިނިވަންކުރެވިދާނެއެވެ. އެކަމަކު އޭގެކުރިން ދެމިލިޔަން ޑޮލަރު ދޭންވާނެއެވެ.
ރިޔާސީ މައާފު ނީލަމަށް ލައިގެން ޖެހި ސަކަރާތަށްފަހު ބައެއް މުޖުރިމުންގެ ގާތްތިމާގެ މީހުން ޖަލުކައިރީގައި އެމީހުންގެ މީހާ މިނިވަންވެގެން ނުކުތުމުގެ އިންތިޒާރުގައި އިއްޔެއިން ފެށިގެން ތިބިކަމަށްވެސް ބުނެވެއެވެ. އެމެރިކާގެ ޓީވީގައި ބައެއް މީހުން ރޭ ދަންވަރު ބުނެފައިވަނީ ޖަރުމަނުގެ ބޭންކަކަށް ޓްރަމްޕު ދަރާފައިވާ 400 މިލިޔަން ޑޮލަރުގެ ދަރަނި ޚަލާސްކުރުމަށްޓަކައި ޓްރަމްޕު މިހޯދީ ފައްކާ ގޮތެއް ކަމުގައެވެ. ދައުރުގެ އެންމެފަހު ދުވަހު ރިޔާސީ މައާފު ވިއްކައިގެންވެސް އެއަދަދަށް ފައިސާ ހޯދައިފިކަމަށް އެމީހުން ބުންޏެވެ. ކޮންމެއަކަސް މިއީ އަދި މިވަގުތަކަށް ކުރެވޭ ތުހުމަތަކީއެވެ. ޔަގީންވާނީ ފަހުންނެވެ.
ގިނަބަޔަކު ހީކޮށްގެންތިބީ ފަޓާސްބަރިއެއްހެން ޓްރަމްޕު ނެރޭ އަފޫއާއްމުގައި މިފަހަރު އޭނާގެ އަމިއްލަ ނަމާއި ދަރީންގެ ނަމާއި ގާނޫނީވަކީލު ރޫޑީ ޖިއުލިއާނީގެ ނަންވެސް ހިމެނޭނެ ކަމުގައެވެ. އެކަމަކު މީން ނަމެއް ނެތެވެ. އަމިއްލަ ނަފުސަށް ރިޔާސީ މައާފެއް ނުދެވޭނެޔޭ، އެއީ ގާނޫނު ހުއްދަކުރާ ކަމެއްނޫނޭ މުޝީރުން ތަކުރާރުކޮށް ދެއްކި ވާހަކަތައް އެންމެފަހު ވަގުތު ޓްރަމްޕު ގަބޫލުކުރީ ކަމަށްވެދާނެއެވެ. ކޮންމެެއަކަސް އަމިއްލަޔަށް އަމިއްލަ ނަފްސަށް މައާފު ދިނަސް ނުދިނަސް ފަޑިޔާރުގޭގެ ދިގުއަތް ޓްރަމްޕާ ހަމަޔަށް ނުފޯރާނޭ ހަމައެއްގޮތެއްވެސް ނެތެވެ. އޭނާގެ ކުށްތަކުގެ ލިސްޓު ވަރަށް ދިގެވެ. ބައެއް ކުށްކުށުގެ އަދަބަކީ ފަންސަވީސްއަހަރުގެ ޖަލު ހުކުމެކެވެ.
މިއަދު ވައިޓްހައުސްއިން ނުކުމެގެން ބަރުހިތަކާއިގެން ހަސަދައިން ފޯވެގެންހުރެ ޓްރަމްޕު ފްލޮރިޑާޔަށް އެދިޔައީ މުޅި އެމެރިކާ ގަޑުބަޑުކޮށްފައެވެ. އޭނާގެ ސަޕޯޓަރުން އެތިބީ ބަލިވެފައެއް ނޫނެވެ. އަމާންދީގެނެއްވެސް ނޫނެވެ. އެންމެފަހު ވަގުތުވެސް އެބަލަނީ ހުވައިކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅައި ކޮންމެވެސް ނުލަފާކަމެއް ކުރެވޭތޯއެވެ. އެހެންވީމާ މުޅިދުނިޔެ މިއޮތީ މިރޭގެ ރަސްމިއްޔާތަށް ފާރަވެރިވެގެންނެވެ. އޮމާން އަމާންކޮށް ނިމިއްޖެނަމަ ކިތަންމެހައިވެސް ރަގަޅެވެ. ވިހިތިރީސް ހާސް ސިފައިން އެތިބީ ހުވާކުރުމުގެ ރަސްމިއްޔާތުގެ އޮމާންކަން ކަށަވަރުކުރުމަށްޓަކައި ސަފުހަދައިގެންނެވެ. އެމީހުންގެ ތެރެއިންވެސް ފީހޮވައި ވަކިކޮށް ބޭރުކުރުމުގެ ހަރަކާތްތަކެއް އެދަނީ ކުރިއަށެވެ.
އައު ރައީސް ޖޯ ބައިޑެންވެސް ޑަލަވެއަރ ސްޓޭޓުގެ ވިލްމިންޓަނުގައިވާ އޭނާގެ އަމިއްލަފުޅު ގެ ދޫކުރައްވައި މިހާރު ވޮޝިންޓަނަށް ވަޑައިގެންފިއެވެ. އިއްޔެ ވިލްމިންޓަނުގައި ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވިދާޅުވިކަމަށްވެއެވެ. އަހުރެންނަކީ ޑަލަވެއަރގެ ދަރިއަކީމެވެ. ހިތާއި ރޫހުއޮތީ މިތަނުގައެވެ. މަރުވިޔަސް ހިތުތެރޭގައި އޮންނާނީ ޑަލަވެއަރ އާއި އެމެރިކާއެވެ. މަސައްކަތްކުރާނީ އެމެރިކާ އެކަތިގަޑަކަށް ހެދުމަށެވެ. މިހެން ވިދާޅުވެފައި ކީރިތިވެސް ކުރެއްވިކަމަށްވެއެވެ. މިއީވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރީން ކީރިތިކުރެއްވުމުގެ މިސާލުގެ ތެރެއިން މިސާލެކެވެ. މިނޫން ތަންތަނުންވެސް ކީރިތި ކުރައްވާ ރައީސުން ފެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ