ގއ. ދެއްވަދޫގެ ކޮވިޑް ކްލަސްޓާ އާ ގުޅިގެން އެ އަތޮޅު ކޮލަމާފުށިން ނެގި ހުރިހާ ސާމްޕަލެއް ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެ އެވެ.
ދެއްވަދޫގެ މުޖުތަމައު ތެރެއިން ބަލި ފެނި އެރަށް މޮނިޓަރިން ހާލަތަށް ގެނައުމުގެ ކުރިން އެރަށުން އެ އަތޮޅު ދާންދޫ އަށް ދިޔަ ބައެއްގެ ފަރާތުން ދާންދޫ އަށް ވަނީ ބަލި ފެތުރިފަ އެވެ. އަދި ދާންދޫން އެ އަތޮޅު ވިލިނގިއްޔަށް ދިޔަ ސްކޫލް ދަރިވަރަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭނާ އާއި ކޮންޓެކްޓްވި އިތުރު ދަރިވަރަކުވެސް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
މި ކޭސްތަކާއި ގުޅިގެން އެ އަތޮޅު ކަނޑުހުޅުދޫ އާއި މާމެންދޫ އާއި ގެމަނަފުށްޓާއި ކޮލަމާފުށިން ރެންޑަމް ސާމްޕަލް ވަނީ ނަގައިފަ އެވެ. އެގޮތުން ކޮލަމާފުށިން ނެގި 131 ސާމްޕަލްގެ ނަތީޖާ މިއަދު ހެނދުނުގެ ވަގުތެއްގައި ލިބިފައިވާއިރު މި ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ "ވަން" އަށް މިއަދު މައުލޫމާތު ދީފަ އެވެ. ގެމަނަފުށިން މިހާތަނަށް 54 ސާމްޕަލް ނަގާފައިވާއިރު މި ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް އެރަށު ކައުންސިލުން "ވަން" އަށް މިއަދު ވިދާޅުވި އެވެ. ނަމަވެސް ކަނޑުހުޅުދޫ އާއި މާމެންދޫން ނަގާފައިވަނީ ކިތައް ސާމްޕަލް ކަމެއް އަދި އޭގެ ނަތީޖާ ލިބުނު ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ދެއްވަދޫން މި ބައްޔަށް 70 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު ދާންދޫންވެސް ނުވަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި މި ދެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. ވިލިނގިލި އާންމު ހާލަތަށް މިހާރު ގެނެސްފައިވާއިރު އެރަށުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދެ މީހުންނެވެ.