ގއ. ދާންދޫން އެއް އަހަރުގެ ކުޑަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު "ވަން" އަށް ވިދާޅުވީ އެރަށުން މިއަދު ޕޮޒިޓިވްވެފައިވަނީ އެއް އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެކުއްޖާއަކީ "ކޮއިމަލާ" ފެރީން ދަތުރުކުރި ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މިހާރު ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިއްޔެ އެރަށުން ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ޕޮޒިޓިވްވެފައިވަނީ 20 އަހަރުގެ އަންހެނަކާއި 66 އަހަރުގެ އަންހެނެއް ކަމަށެވެ. އެ ދެމީހުންވެސް މިހާރު ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދެވިފައިވާ ކަމަށް އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.
އިއްޔެ އާއި މިއަދު ޕޮޒިޓިވްވި ކޭސްތަކާއެކު އެރަށުން ޖުމްލަ ނުވަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. ހުޅުމާލެ އިން ޕޮޒިޓިވްވި އެކަކާއި ވިލިނގިލިން ޕޮޒިޓިވްވި ދަރިވަރަކީވެސް އެރަށުގެ ކޮންޓެކްޓުން ޕޮޒިޓިވްވި ދެމީހުންނެވެ.
ދާންދޫން ޕޮޒިޓިވް ކޭސްއެއް ފެނުނީ، ކޮއިމަލާ ފެރީން ދަތުރުކުރި އަންހެނެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ އަންހެން މީހާއަކީ ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅުން އޮތް މީހެކެވެ. އެމީހާ ޕޮޒިޓިވްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 76 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން ދެއްވަދޫން 59 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ ކްލަސްޓާއާ ގުޅިގެން ލ. ފޮނަދޫއިން ހަތަރު މީހަކު، ހުޅުމާލެއިން ދެ މީހަކު، ދާންދޫން ނުވަ މީހުން އަދި ވިލިނގިލިން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު