މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު، އާމިނަތު ވަހީދާ (އައިންތު) އާއި ބައްދަލު ކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވެއްޖެ އެވެ.
އައިންތުގެ ޓެކްސީއަށް ތަކުރާރުކޮށް ގެއްލުން ދިން މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި ހަބަރު ޓުވީޓު ކުރައްވަމުން ރޮސްލާ ވިދާޅުވީ ކޮންމެވެސް ދުވަހަކުން އައިންތު އާ ބައްދަލު ކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާގެ ހިތްވަރަށް ސާބަސް ދެއްވައި ވިދާޅުވީ އެތަކެއް ގޮންޖެހުންތަކަކާ އެކުވެސް ކުރިއަށް ދިއުމަކީ ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުވާނެ ކަމެއް ކަމަށެވެ.
"އެއްދުވަހަކުން މި ހިތްވަރު ގަދަ އަންހެނާ އާ ބައްދަލު ކުރަން ބޭނުން. އެތަކެއް ގޮންޖެހުންތަކަކާއި އެކުވެސް ކުރިއަށް ދިއުމަކީ ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުވާނެ ކަމެއް. އަހަރުމެން ކުރަން ބޭނުންވާކަންތައް ކުރުމުގައި ދެމިތިބެނީ އެކަމެއް ދެކެ ވާލޯބިން." އޭނާ ވިދާޅުވި އެވެ.
މީސްމީހުންގެ ނުރުހުން ލިބުމަކީ، ކުރަން ބޭނުންވާ ކަމެއްގައި ނުވަތަ ހާސިލު ކުރަން ބޭނުންވާ އަމާޒަށް ވާސިލްވުން ހުއްޓުމަކަށް ގެންނަންވީ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ރޮސްލާ ވަނީ އައިންތުގެ ހިތްވަރަށް ތައުރީފު ކުރައްވާފަ އެވެ.
ޑްރަގް ކޯޓު ކުރިމަތީގައި ޕާކުކޮށްފައި އޮއްވައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރު އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީގެން ދައުވާ އުފުލީ ގ. އާފަތިސް/ މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށް ކަމަށެވެ. މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާ އުފުލީ މުދަލަށް ގެންލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލައިގައި ހަމްދޫންގެ އިތުރުން އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ހެކި ނެތިގެން އޭނާގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އައިންތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. މިއީ އައިންތުގެ ކާރަށް ގެއްލުން ދިން ފަސް ވަނަ ފަހަރެވެ. އައިންތުގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތައް މަރާމާތުކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
އައިންތުގެ ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ، އެ މައްސަލަ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު