ޗިކާގޯ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިން މަސްދުވަސް ވަންދެން ދިރިއުޅެމުންދިޔަ އަދިތިޔާ ސިންގް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 36 އަހަރުގެ އަދިތިޔާ ސިންގް ހައްޔަރު ކޮށްފައިވަނީ އެ އެއާޕޯޓުގެ މުވައްޒަފަކަށް އޭނާގެ އަމަލުތައް ހުރި ގޮތުން ސުވާލު އުފެދި އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރުމާ ގުޅިގެންނެވެ.
ޗިކާގޯ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުލުހުން ވަނީ އޭނާ އެ އެއާޕޯޓަށް އެތެރެ ވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ކަމަށް ބުނެފައެވެ.
އަދިތިޔާ ސިންގް ފުލުހުންގެ ތަހުގީގަށް މައުލޫމާތުދެމުން ބުނީ އޭނާ އެއާޕޯޓުގައި މަޑުކުރީ ކޮވިޑްގެ ސަބަބުން ދަތުރުކޮށް ގެއާއި ހަމައަށް ދާން ބިރުން ކަމަށް ބުނެފައެވެ.
އަދިތިޔާ ސިންގަށް އެއާޕޯޓުގައި އެހާ ދުވަހު ފުލުހުންނަށް ނޭނގި އުޅުމުން އެއީ ސެކިއުރިޓީގެ ގޮތުން ދިމާވި ބޮޑު މައްސަލައެއް ކަމަށް ބުނެ އެމައްސަލަ ވެސް ބެލުމަށް ކޯޓުން ވަނީ އަންގާފައެވެ.
އަދިތިޔާ ސިންގްގެ މައްޗަށް ވަނީ ވަނުން މަނާ ތަނަކަށް ވަނުމުގެ ކުށުގައި ދައުވާ ވެސް އުފުލައިފައެވެ.