ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ރޭ އެތުލެޓިކޯ ބިލްބާއޯ އަތުން ބާސެލޯނާ ބަލިވެއްޖެ އެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު ފައިނަލް 3-2ގެ ނަތީޖާއަކުން ނިމިފައިވާއިރު، އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ބާސާ ކެޕްޓަން ލިއޮނަލް މެސީއަށް ދެއްކި ރަތް ކާޑެވެ. މިހާތަނަށް ބާސާގެ ޖާޒީގައި 753 މެޗު ކުޅެފައިވާއިރު، ރޭގެ ރަތް ކާޑަކީ މެސީގެ ކެރިއަރުގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ. މެސީއަށް ރަތް ކާޑު ދައްކާފައި ވަނީ މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުގައި ކަހަލަ ގޮތަކަށެވެ.
ބިލްބާއޯގެ އާސިއާ ވިލަލިބްރޭއާ ދިމާއަށް ފައި ހޫރާލައި، އޭނާ ގައިގައި މެސީ ފައިން ޖެހި މަންޒަރު ރެފްރީއަށް ނުފެނުނު ނަމަވެސް، އިރުކޮޅެއް ފަހުން ވީއޭއާރަށް ވަނީ އެނގިފައެވެ.
މީގެ ކުރިން މެސީއަށް ވަނީ ދެ ފަހަރަށް ރަތް ކާޑު ދައްކާފައެވެ. އުމުރުން 33 އަހަރުގެ މެސީއަށް މީގެ ކުރިން ދައްކާފައިވާ ދެ ރަތް ކާޑަކީވެސް އާޖެންޓީނާ ޖާޒީގައި ދައްކާފައިވާ ރަތް ކާޑެވެ. ހަންގޭރީއާ ދެކޮޅަށް 2005 ވަނަ އަހަރު ކުޅުނު މެޗުގެ އިތުރުން 2019 ވަނަ އަހަރު ކޮޕާ އެމެރިކާގެ ތިންވަނަ ހޮވި މެޗުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މެސީއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
ރޭގެ މެޗުގައި ދެއްކި ރަތް ކާޑާއެކު ލީގުގެ ބައެއް މެޗުތަކަށް މެސީ ސަސްޕެންޑް ވުންވެސް ގާތެވެ.
ރޭގެ މެޗުގައި ބާސާއިން ދެ ފަހަރަށް މެޗު ލީޑު ކުރިއެވެ. ބާސާގެ ދެ ގޯލްވެސް ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ. ގްރީޒްމަންގެ ފުރަތަމަ ގޯލަށްފަހު ބިލްބާއޯގެ އޮސްކާ ޑި މާކޮސް ނަތީޖާ ހަމަހަމަ ކުރިއިރު، ބިލްބާއޯގެ ދެވަނަ ގޯލް ފެނުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އެ ގޯލް ޖެހީ ވިލަލިބްރޭއެވެ.
މެޗު އިތުރު ވަގުތަށް ގޮސްފައިވާއިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ބިލްބާއޯއިން ލީޑު ނެގިއެވެ. އިނާކީ ވިލިއަމްސް ޖެހި ހިތްގައިމު ގޯލާއެކު ބިލްބާއޯއިން މި އެރާގައި ހޯދި ދެވަނަ ތަށި ޔަގީން ކުރިއެވެ.
ބާސާއިން މީގެ ކުރިން 14 ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާއިރު، ރޭގެ މެޗުން މޮޅުވިނަމަ، އެ ވާނި މެސީގެ އަށްވަނަ ސުޕަ ކަޕަށެވެ.
ބިލްބާއޯއިން ފައިނަލަށް ދިޔައީ ރެއާލްވެސް ބަލިކޮށްފައެވެ. ރޭގެ މެޗުން ބާސާ ބަލިކުރުމުން އެއީ 1960 ވަނަ އަހަރަށްފަހު ބާސާއާއި ރެއާލް ޖެހިޖެހިގެން ދެ މެޗުގައި އެޓީމަށް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު