ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 32 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ 96 ޕަސެންޓް މަސައްކަތާއި މިހާރު ހަދާފައި ހުރި ނެރު ފުންކުރުމުގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 25،000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 401 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 1،280 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 32.4 މިލިއަން ރުފިޔާގެ އަގަކަށެވެ.