ޚަބަރު

ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ދެންމެ ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިދިޔަ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް-19ގެ ސަބަބުން އެމަހު 18 އަށް އިލެކްޝަން ކޮމިޝަނުން ފަސްކުރި އެވެ. ކޮވިޑުގެ ހާލަތު ގޯސްވެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރުމާ ގުޅިގެން އެކި ފަހަރު މަތިން އިންތިހާބު ލަސްކުރުމަށްފަހު، އެ އިންތިހާބުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރަން ޖެހޭނީ ކުއްލި ނުރައްކަލުުގެ ހާލަތު ނިމުމަކަށް ގެނައުމުންކަމަށް ކަނޑައަޅައި، އެންމެފަހުން ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރި އެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ގާލަތު އިތުރަށް ދިގު ދެމެމުންދާތީ، އިންތިހާބު އިތުރަށް ލަސްވެ މައްސަލަތައް ދިމާވަމުންދާތީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަވަހަށް އިންތިހާބު ބޭއްވޭނެ ގޮތެއް ހެދުމަށް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމި އެވެ. އެ ނިންމުމާއެކު ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އަންނަ މަހު ފަށަން ނިންމާފައިވަނިކޮށް، ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިގެންނެވެ.

އެގޮތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވި މިމަހުގެ 13 ވޗަނަ ދުވަހުގަ އެވެ. އެ ދުވަހުގެ ޖަލްސާގައި އޮތީ އެ ބިލު މަޖިލީހަށް ތައާރަފު ކުރުމެވެ. އެ ބިލުގެ މަސައްކަތް ކުރުމަށްޓަކައި ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގެ ތެރެއިން ދެވަނަ ޖަލްސާ މިއަދު ބާއްވައި އެ ބިލު މަޖިލީހަށް ހުށަހަޅައި، އިބްތިދާއީ ބަހުސް ކުރިއަށްގެން ގޮސް ނިންމުމުން މަޖިލީހަށް ބިލު ބަލައިގަނޭތޯ މިއަދުގެ ޖަލްސާގައި ވޯޓަށް އެހި އެވެ.

އެ ވޯޓުގައި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ، އެ ވަގުތު ޖަލްސާގައި ތިއްބެވި 40 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓު ދެއްްވައިގެންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި ބިލުގައި އިންތިހާބާބެހޭ ހާއްސަ ގާނޫނުގެ އިތުރުން އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ބައެއް މާއްދާތަކަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ.

ބިލުގައި ބުނެފައިވަނީ، ގާނޫނަށް މި އިސްލާހު ގެނަސް އަމަލުކުރަންފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންވާނެ ކަމަށެވެ. އަދި އެ މުއްދަތުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްނަމަ އިންތިހާބުގެ ކަންކަން ކުރިއަށްގެން ދަންވާނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅައި ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބުނެފައިވެ އެވެ.