ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ މީރާގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:00 ގައި ކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު 37000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވަން އަށް ކަށަވަރުކޮށްދެއްވާފައި ވެއެވެ. މީގެ އިތުރުން ރެވެނިއު ސްޓޭމްޕަތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީރާގެ އެސިސްޓެންޓް ކޮމިޝަނާ އަހުމަދު ޝަރީފް މިއަދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭގައި ހުންނަ މީރާގެ އޮފީހަށް ބަޔަކު ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މި ވަގުތު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެއްވެސް އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.