ޓެކްސްގެ އަދަދު އެޕީލްކުރުމުގެ ކުރިން، އިއުތިރާޒުކުރާ އަަދަދުގެ 100 ޕަސެންޓް ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް، މަޖިލިސް ތަޅުމަށް ހުށަހެޅުމުން މިދިޔަ އަންގާރަ ދުވަހު ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޓެކްސް ދައްކާ ފަރާތަކުން ދައްކަން ޖެހޭ ޓެކްސްގެ އަދަދު މީރާއިން ކަނޑައަޅައި، އެފަދައިން ކަނޑައަޅާ އަދަދާ މެދު އިއުތިރާޒުކޮށް މީރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ހާލަތުގައި، އިސްތިއުނާފުގެ އެފަދަ މައްސަަލަތައް ހުށަހެޅުމުގެ ކުރިން މީރާއިން ކަނޑައެޅި އަދަދުގެ ތެރެއިން އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކަން ޖެހޭނެ ހާލަތްތައް ކަނޑައެޅުން ކަމަށެވެ.

ބިލުގައި ބުނެފައިވަނީ، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ އެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަަނޑައަޅާ ޓެކުހުގެ އަދަދާ ގުޅިގެން ނަމަ، އެ މައްސަލަ އިސްތިއުނާފު ކުރެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ 50 ޕަސެންޓާ އެއްވަރުގެ އަދަދެއް ދައްކައި ނިންމުމަށް ފަހުގައި ކަމަށެވެ. އަދި އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކާން ޖެހޭ ހާލަތުތައް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.

ނަމަވެސް މީރާއިން ކަނޑައަޅާ އަދަދުގެ ނަތީޖާއަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކުރިއަށް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވުން ކަމަށް ވާނަމަ، އެ ގެއްލުން ކުޑަވި މިންވަރާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް މީރާއަށް އަދަދެއް ދައްކަން ނުޖެހޭނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ބިލު ގާނޫނަކަށް ވުމުން އެކުލަވައިލާން ޖެހޭ ގަވާއިދުތަކާއި، ގެންނަން ޖެހޭ އިސްލާހުތައް ގެނެސް 90 ދުވަހުގެ ތެރޭގައި އެ ބަދަލުތައް ގެޒެޓުގައި ހިމަނަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ރައީސް މި ބިލު ތަސްދީގުކުރެއްވުމާއެކު މިއަދުން ފެށިގެން މި ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ.