އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މޫޑު ހުންނަ ނުހުންނަގޮތް ދެނެގަތުމަކީ ކުރިން ވަރަށް ފަސޭހަކަމެކެވެ. ކުރަންޖެހޭހާވެސް ކަމަކީ އޭނާގެ ޓުވިޓަރ އެކައުންޓު ބަލައިލުމެވެ. އެވަސީލަތް މިހާރަކު ނެތެވެ. ޓުވިޓަރާއި ފޭސްބުކާއި މިހެންގޮސް މީސްމީޑިއާގެ ހުރިހާ ޕްލެޓްފޯމަކުން ޓްރަމްޕު ވަނީ ބޭރުކޮށްލައިފައެވެ. ޓްރަމްޕުގެ އިހުސާސްތަކާއި ޝުއޫރުތައް އާދަވެގެން ބަންޑުންކުރަމުން އައީ މީސްމީޑިއާގައެވެ. ޚާއްސަކޮށް ޓުވިޓަރގައެވެ. އެ ވަސީލަތް ނެތުނީމާ ޓްރަމްޕުގެ ސިކުނޑީގެ ހައިޖާނުގެ މީޓަރު ހުންނަ ނުހުންނަ ހިސާބު މިހާރު އެނގޭކަށެއް ނޯވެއެވެ.
ކުރީގައިނަމަ މުޅިން ކެޕިޓަލް އަކުރުން ޓުވީޓެއް ކޮށްފިއްޔާ ޓްރަމްޕު އެހެރީ ވަރަށް މާޔޫސްވެ ޖަޒްބާތީވެފައި ކަމަށް ޔަގީންކުރެވިދެއެވެ. މީސްމީހުންގެ ނަން ބަޔާންކޮށްފައި ހަރުކަށި ބަހުން ޓުވީޓެއް ކޮށްފިއްޔާ އެހެރީ ބަދަލުހިފުމާއި ގޮތްދޫނުކުރުމުގެ ކޮޅުނެތްކޮޅުގައިކަން އެނގިދެއެވެ. މާގިނައިން ހައިރާންމާރކު ޖަހައިފައި ޓުވީޓުކޮށްފިއްޔާ އެހެރީ ކޮންމެވެސް އެއްޗެއް ހާސިލްވެގެން ގޮތްދެއްކުމާއި ފޮނިކެނޑުމުގެ މޫޑެއްގައިކަން އެނގިދެއެވެ. ޓުވިޓާރއިން ޓްރަމްޕުގެ އެކައުންޓް ސަސްޕެންޑްކުރީމާ މިދޮރު މުޅިން ބަންދުވީއެވެ.
ޓްރަމްޕުގެ މޫޑު ބަލައިލުމަށް އޭނާގެ ޓުވިޓަރ އެކައުންޓަށް ކަޅިއަޅަމުން އައީ ރަސްމީކޮށް އެ އެކައުންޓް ފޮލޯކުރަމުން އައި 89 މިލިޔަން މީހުން އެކަންޏެއް ނޫނެވެ. އިތުރު އެތައް އެތައް މިލިޔަން ބަޔަކުވެސް އެއަށް ފާރަވެރިވެއެވެ. ގިނަބަޔަކު މުނިފޫހިފިލުވުމަށްޓަކައިވެސް އެކަންކުރެއެވެ. މީސްމީޑިޔާ ޕްލެޓްފޯމްތަކުން ޓްރަމްޕު ބޭރުކޮށްލިތާ މިވަނީ ހަފުތާއެކެވެ. މި މުއްދަތުގެ ތެރޭގައި ޓްރަމްޕުގެ ރުޅީގެ މީޓަރު ހުރި ހިސާބު އަންދާޒާކޮށްލަންވެސް ފަސޭހައެއް ނޫނެވެ. ހައްތާވެސް ހިނގާފައިހުރީ ރުޅިގަދަވާޒާތުގެ ކަންކަމެވެ.
ފާއިތުވީ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ލައްކަ ގިނަކަންކަން ހިނގައިފިއެވެ. ގާނޫނުހަދާ މަޖިލީހުން ޓްރަމްޕު އިމްޕީޗު ކޮށްފިއެވެ. އަމިއްލަ ޕާޓީގެ ބައެއް މެންބަރުން ޓްރަމްޕާ ދެކޮޅަށް ވޯޓުވެސް ދީފިއެވެ. މިކަންކަން ފެނުނީމާ އަދި އެނގުނީމާ ޓްރަމްޕުގެ ޖަޒުބާތު ބަންޑުންވީ ކޮންސިފަޔަކުން ބާވައެވެ. ވައިޓްހައުސްގެ ތެރެއިން މައުލޫމާތު ލިބޭ މީހުންނާ ހަވާލާދީ މީޑިޔާއިން ސިފަކުރާގޮތުގައި ޓްރަމްޕުގެ ހާލަތު ވަރަށް ގޯހެވެ. އެންމެ ގިނައިން ބޭރުވަނީ އައުގުރާނައެވެ. ތިޔަވިދާޅުވެވުނީ ރަގަޅަށެވެ. ރޯއައުގުރާނައެވެ. ނާއިބުރައީސް މައިކް ޕެންސަށް ނިސްބަތްކޮށްފައިވެސް ގޮވިކަމަށްވަނީ އައުގުރާނައެވެ.
ޓްރަމްޕުގެ ނަޒަރުގައި ކެހިދީފައި އެންމެން ފިލައިފިއެވެ. އެންމެންދެކެވެސް ހުރީ ރުޅިއައިސްފައެވެ. ގައުމުދެކެވެސް މެއެވެ. މުޅި ނިޒާމުދެކެވެސް މެއެވެ. މީހަކު ދައްކާ ވާހަކައެއް ދޭ ނަސޭހަތެއް އަޑުއެހުމެއް ނެތެވެ. ފަަސްޓް ލޭޑީވެސް ކޮންމެވެސްތާކަށް ގޮސް އަވަދިވެއްޖެއެވެ. ދަރީންގެ ތެރެއިން އިވާންކާ އާއި އޭނާގެ ފިރިމީހާވެސް ވައިޓްހައުސްދޫކޮށް ރައްކާވެއްޖެއެވެ. ވައިޓްހައުސްގެ މުވައްޒަފުންގެ ތެރެެއިން ގިނަ ބަޔަކުވެސް އިސްތިއުފާ ދީފައި ބަޗައިފިއެވެ. މިހާރު ބާކީތިބި މީހުން ބުނާކަމަށްވެއެވެ. ނަގޫރޯޅިއެކޭ ޓްރަމްޕެކޭ ތަފާތެއް ނެތެވެ. މައިތިރިކުރަން ކުރެވޭނޭ ކަމެއް ނޯވެއެވެ. އެނބުރި އެނބުރިފައި ހަކަތަހުސްވީމާ އަމިއްލަޔަށް މައިތިރިވެދެއެވެ.
ޓްރަމްޕުގެ ފަހަތުގައި އެންމެ އިޚުލާސްތެެރިވެގެން މިހާތަނަށް ހުރި އެކަކީ އޭނާގެ ގާނޫނީ ވަކީލު ރޫޑީ ޖިއުލިއާނީއެވެ. ބޯކަޅުކުރާ ބޭސް އުގުޅައިގެން ނޫސްކޮންފަރެންސްތަކަށް އަރައި އިނދެ ފޮހެވޭ ދެއްޔާއި ވެއްޓޭ ފާހަގައިގެ ވާހަކަ ތަކުރާރުކޮށްކޮށްފައި ޓްރަމްޕުގެ ހައްގުގައި އެންމެ ގިނަ ދޮގުހެދީވެސް ޖިއުލިއާނީއެވެ. އެކަމަކު މިހާރު ހުރިކަމަށްވަނީ ޖިއުލިއާނީ ދެކެވެސް ރުޅިއައިސްފައެވެ. ބުނާކަމަށްވެއެވެ. މިއަނދަވަޅަށް ވެއްޓުނީ ޖިއުލިއާނީގެ ސަބަބުންނެވެ. ޖިއުލިއާނީގެ ފީއަކީ ދުވާލަކަށް ވިހިހާސް ޑޮލަރެވެ. އެފައިސާ ނުދީ ހިފަހައްޓާންވެސް ބަޖެޓު އޮފިސަރުންނަށް މިހާރު އޮތީ އަންގައިފައެވެ.
އެންމެންވެސް މިހާރުތިބީ އަންނަ ބުދަދުވަހުގެ މެންދުރު ޖޯ ބައިޑެން ރައީސްކަމުގެ ހުވާކުރައްވައި މަގާމާ ހަވާލުވެވަޑައިގަތީމާ ދެން ޓްރަމްޕު ހަދާނޭ އެއްޗެއް ބެލުމުގެ އިންތިޒާރުގައެވެ. ބައިޑެން ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިނުވާނޭ ކަމަށް މާކުރިންވެސް ޓްރަމްޕު ވަނީ އިއުލާންކޮށްފައެވެ. މައުލޫމާތު ހުރި ބައެއް މީހުން ބުނާގޮތުގައި ޓްރަމްޕުގެ ވިސްނުން މިހާރުހުރީ ބައިޑެން ހުވާކުރައްވާ ވަގުތު ވެރިރަށް ވޮޝިންޓަނުގައިވެސް ނުހުންނާންވެގެން އެދުވަހު ހެނދުނު ފްލޮރިޑާއަށް ނައްޓާލުމަށެވެ. ފްލޮރިޑާގައި ޓްރަމްޕުގެ އަމިއްލަ ރިސޯޓެއް އޮވެއެވެ. ދިރިއުޅޭން ޚިޔާލުކުރަނީ އެތަނުގައިކަމަށްވެއެވެ.
ވައިޓްހައުސްއިން ނުކުމެގެންދާންވެސް ޓްރަމްޕު ޚިޔާލުކުރަނީ ރިޔާސީ މަތިންދާބޯޓުގައެވެ. ނުވަތަ ރިޔާސީ ހެލިކޮޕްޓަރުގައެވެ. ބައިޑެން ހުވާކުރެއްވުމަށްފަހު ރިޔާސީ އެއްވެސް އެއްޗެއްގެ ބޭނުން ޓްރަމްޕަށް ހިފޭނީ ބައިޑެންގެ އިޒުނަ ލިބިގެންނެވެ. އެ އިޒުނަޔަށް އެދޭން ޓްރަމްޕު ބޭނުމެއް ނުވެއެވެ. އެހެންވީމާ ދެންއޮތް ގޮތަކީ ބައިޑެން ހުވާކުރެއްވުމުގެ ކުރީން އެވަސީލަތް ބޭނުންކުރުމެވެ. ރިޔާސީ މަތިންދާބޯޓުގައި ފްލޮރިޑާއަށް އުދުއްސައިގަތުމަށް ނިންމުމުގެ ކުރިން ސްކޮޓްލެންޑުގައި އޮންނަ ރިސޯޓަކަށްދާންވެސް ޓްރަމްޕު އުޅުނުކަމަށް ބުނެވެއެވެ. އެކަން ހުއްޓުނީ ޓްރަމްޕަށް މަރުހަބާ ނުކިޔާނޭ ކަމަށް ސްކޮޓްލެންޑުން އެންގުމުންނެވެ.
ބަޔަކު މަރުހަބާކިޔަސް ނުކިޔަސް ފްލޮރިޑާއަށް ދެވިދާނެއެވެ. އެއީ އެމެރިކާއެވެ. އެކަމަކު ދާއިމީ ގޮތެއްގައި އެބުނާ ރިސޯޓުގައި ދިރިއުޅެން ޓްރަމްޕަށް ފަސޭހަނުވެދާނެއެވެ. އެ ރިސޯޓާއި ގާތުގައި ދިރިއުޅޭ މީހުން މިހާރުވެސް ތިބީ ޓްރަމްޕާ ދެކޮޅަށް ތެދުވެފައެވެ. ޓްރަމްޕު ކަހަލަ އަވަށްޓެރިޔަކު އެމީހުން ބޭނުމެއް ނުވެއެވެ. އަމިއްލަ ބިމެއްގައި ވިޔަފާރި އުސޫލުން ރިސޯޓެއް ތަރައްގީކުރިއިރު އާއިލާ ގޮވައިގެން ދާއިމީގޮތެއްގައި އެތަނުގައި ދިރިނޫޅެން ވައުދުވެ އަހުދުނާމާއެއްގައި ޓްރަމްޕު ސޮއިކޮށްފައިވާކަމަށް އެމީހުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ