ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިންޑިއާއިން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވާ އިރުމ އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ވެރިރަށް ދިއްލީގެ ސެނިޓައިޒް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މާނިޝް ކުމާރަށެވެ.

މާނިޝް ކުމާރަށް ވެކްސިން ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެގައުމުގެ ޔޫނިއަން ހެލްތު މިނިސްޓަރު ޑރ ހާޝް ވަރްދަންއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެގައުމުގައި ވެކްސިން ދިނުމުގެ ބޮޑު ހަރަކާތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފައްޓަވައިދެއްވައިފައެވެ. އިންޑިއާއިން ވަނީ އެގައުމުގެ 300 މިލިއަން މީހުންނަށް އޮގަސްޓް މަހުގެ ކުރިން ވެކްސިން ދިނުމަށް އަމާޒުހިފާފައިވާކަން ވެސް އިއުލާންކޮށްފައެވެ.

އިންޑިއާއިން ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 50 މިލިއަން މީހުންނަށެވެ. އެއަށްފަހު ފުލުހުންނާއި ސިފައިންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ.

ކޮވިޑް ވެކްސިން ދޭއިރު ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ވެކްސިން ދޭނެއެވެ. ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒްއާ ދެމެދު 28 ދުވަހުގެ މުއްދަތެއް ހަމަކުރަން ޖެހޭ އިރު، ވެކްސިން މަސައްކަތް ކުރަން ފަށާނީ ދެވަނަ ޑޯޒް ޖެހުމުން ކަމަށް މާހިރުން ބުނެއެވެ. ހަށިގަނޑަށް ވެކްސިން ޖެހުމަށްފަހު ވެކްސިން ފުރިހަމައަށް މަސައްކަތް ކުރަން ފަށާނީ ދެވަނަ ޑޯޒް ޖަހާތާ 14 ދުވަސް ފަހުންނެވެ.