ޗައިނާއިން މިދިޔަ އަހަރުގެ މާޗުން ޑިސެމްބަރާ ދެމެދު ޗައިނާގެ އެގައުމުގެ ފެކްޓަރީ ތަކުން 224 ބިލިއަން މާސްކް އުފައްދާފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.
ޗައިނާގެ ކަސްޓަމުން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިދިޔަ އަހަރު އެގައުމުން އެކްސްޕޯޓު ކޮށްފައިވާ މާސްކުގެ އަގު 340 ބިލިއަން ޔުއާން އަށް އަރައެވެ. އެމެރިކާ ޑޮލަރުން ބަލާނަމަ އެއީ 52 ބިލިއަން ޑޮލަރުގެ މާސްކެވެ.
މިދިޔަ އަހަރުގެ މާޗުން ޑިސެމްބަރާ ދެމެދު 224 ބިލިއަން މާސްކު އެކްސްޕޯޓު ކޮށްފައިވާނަމަ އެއީ ދުނިޔޭގެ ކޮންމެ މީހަކަށް 40 މާސްކެވެ.
ޗައިނާ ވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓު ކުރި ގައުމުކަމުގައެވެ. އެގައުމުން މިދިޔަ އަހަރު މާސްކުގެ އިތުރުންވެސް، 100 ބިލިއަން ޔުއާންގެ އަގުހުރި ޕީޕީއީ އެކްސްޕޯޓް ކޮށްފައިވާކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ.
ހަމަ އެކަނި މާސްކަށް ބަލާއިރު އެއީ ޗައިނާއިން 2020 ވަނަ އަހަރު އެކްސްޕޯޓު ކުރި ޖުމުލަ މުދަލުގެ 2 ޕަސެންޓު ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ.