ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުގެ މަސައްކަތު މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މުހްޔިއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ އަލިމަނިކު "ވަން" އަށް ވިދާޅުވީ އެ ސްކޫލުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މަސައްކަތު މީހެއް ކަމަށާއި އެމީހާ ޕޮޒިޓިވް ވެފައިވަނީ މިއަދު ކަމަށެވެ. ނަމަވެސް ސްކޫލުގެ އެއްވެސް ޓީޗަރަކާ އަދި ދަރިވަރަކާ އޭނާ ކޮންޓެކްޓްވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ދަރިވަރަކާއި ޓީޗަރަކާ ކޮންޓެކްޓްވެފައެއް ނުވޭ. ހަމައެކަނި ކޮންޓެކްޓް ވެފައިވަނީ މިތަނުގައި (ސްކޫލުގައި) މަސައްކަތްކުރާ އިތުރު ދެ މަސައްކަތު މީހުންނާ. އެއީ ސައިބޯން ގޮސް މާސްކު ނާޅައި އެއްކޮށް އުޅުނު ގަޑީގަ،" ނާޒިމާ ވިދާޅުވި އެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވީ ޕޮޒިޓިވް ކޭސްއާ ގުޅިގެން ސްކޫލު ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އިތުރު މީހަކު ވެސް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ބިދޭސީ ޓީޗަރުން އަދިވެސް ކަރަންޓީނުގައި އެބަތިބި ކަމަށާއި އެމީހުންގެ ނަތީޖާތައް އަދި ނުލިބޭ ކަމަށް ނާޒިމާ ވިދާޅުވި އެވެ.

މުހްޔިއްދީން ސްކޫލުގެ މަސައްކަތު މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިދިޔަ ބުދަ ދުވަހު އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދޭ ޓީޗަރަކާއި ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.