ޚަބަރު

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި

ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައިވަނީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި އިންގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. މި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖްމަންޓުގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ކިނޮޅަހު ފެނާއި ނަރުދަމާގެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސް، ހޮޅިވަޅުލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 11.8 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ ދެ ތާންގީ ބެހެއްޓުން ހިމެނެ އެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅާނެ އެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 7.3 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކު ގާއިމުކުރުމާއި 0.77 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިންގެ ސްޓޭޝަނާއި އަދި އެއް ސީ އައުޓްފޯލް ގާއިމުކުރުން ހިމެނެ އެވެ. އަދި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ އެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާ މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 36 މިލިއަން ރުފިޔާގެ އަގަކަށެވެ. މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ.