މިއަހަރު މިހާތަނަށް އެމެރިކާގައި ކޮވިޑް ޖެހިގެން 40،000 މީހުން މަރުވެއްޖެއެވެ.

ޖޯންސް ހޮޕްކިންސް އިން ޝާއިއު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމެރިކާގައި ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް 4000 އަށްވުރެން ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

ވޭތުވެދިޔަ ދެ ދުވަހު އެކަނިވެސް އެމެރިކާއިން 8000 އަށް ވުރެން ގިނަ މީހުން މަރުވެފައިވާކަމަށް ރެކޯޑްކޮށްފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެމެރިކާއިން 230،000 އަށްވުރެން ގިނަ ކޮވިޑް ކޭސް ރެކޯޑްކޮށްފައިވާއިރު އެގައުމުގެ ހާލަތުދަނީ ދުވަހެއް ދުވަހަކަށް ދަށް ވަމުންނެވެ.

އެމެރިކާގެ ހޮސްޕިޓަލުތައް ފުރި ބަލިމީހުންނަށް ފަރުވާދިނުމަށް ނުކުޅެދިފައިވާއިރު އެގައުމުގައި ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ފަށާފައެވެ.

ކޮވިޑްގެ ބަލިމަޑުކަން ދުނިޔެއިން ފެންނަން ފެށިފަހުން އެމެރިކާއިން މިހާތަނަށް 23.2 މިލިއަން ކޮވިޑް ކޭސް ފެނިފައި ވެއެވެ.