ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.
ރައީސް ސޯލިހު އިއްޔެ ހަވީރު ވަނީ ވީއައިއޭއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މަސައްކަތްކުރައްވާ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
ވީއައިއޭއަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއާޕޯޓުގެ އެރައިވަލް ޓާމިނަލްއަށް ވަޑައިގަންނަވައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ކޯވިޑްގެ ހާލަތުގައި އެ މުވައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ހިދުމަތްތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ރައީސް ވަނީ އެ މުވައްސަސާތަކަށް ކުރިމަތިވާ ދަތިތައް އޮޅުއްފިލުއްވައި، ކުރިއަށް އޮތް ތަނުގައި ހިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ސްޕީޑް އަވަސްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވާފައެވެ. އެއާޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެއާޕޯޓުގެ ފިއުލް ފާމް، ކާގޯ ޓާމިނަލް، ކާގޯ ޖެޓީ، އޭޕްރަން، ވީއައިޕީ ބިލްޑިން އަދި ސީޕްލޭން ޓާމިނަލަށް ވެސް ރައީސް ވަޑައިގަންނަވައި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރެއްވިއެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމްގެ ގިނަ މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ޖެޓް އޭވަން) އެއާޕޯޓުގައި ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން، ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު އެއް މިލިއަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. ހަމައެއާއެކު، ފިއުލް ބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ.
ކާގޯ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގައި ކާގޯ ބިލްޑިންގާއި ކާގޯ ހާބަރުގެ އިތުރުން ކަމާގުޅޭ އޮފީސްތައް ބިނާކުރުން ހިމެނެއެވެ. މިހާރު އަހަރެއްގެ މައްޗަށް 50،000 ޓަނު ކާގޯގެ މުއާމަލާތްތައް ކުރާ ޓާމިނަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ނިމުމުން، އެ އަދަދު 120،000 ޓަނަށް އިތުރުވެގެންދާނެއެވެ.
އެއާޕޯޓްގެ އޭޕްރަން ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް އިތުރުކުރި އޭޕްރަންގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ ކުރީގެ އޭޕްރަން އާކުރުމުގެ މަސައްކަތެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ވީއައިޕީ އަދި ސީއައިޕީ ޖާގަ ވެސް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. އަދި މިހާރުގެ ޕަސެންޖާ ޓާމިނަލް އަކީ 26،000 އަކަމީޓަރުގެ ޖާގައިގެ ތަނެއް ނަމަވެސް، މުޅި ޓާމިނަލްގެ މަސައްކަތް ނިމުމުން އެ ތަނުގެ ޖާގަ 78،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު