ހުޅުމާލެގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެނެސްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެއަށް ހިޖުރަކުރާ މީހުންނާއި އެ އަވަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ގިނަވެފައިވާއިރު، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި އަދި ފަސޭހައިން ބޭނުން ކުރެވޭ ތަންތަނަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމުގެ ޕްލޭންގެ ދަށުން 20 މަގެއް އެއްކޮޅަށް ދުއްވާ މަގުތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސާފައިވަނީ ޗަނބޭލީ މަގުގެ އެއް ނަންބަރު ގޯޅިން ފެށިގެން ނުވަ ނަންބަރު ގޯޅި އާއި ރަބަރުގަސްމަގުގެ އެއް ނަންބަރު ގޯޅިން ފެށިގެން ނުވަ ނަންބަރު ގޯޅީގެ އިތުރުން ބޯގަންވިލާ މަގުގެ އެއް ނަންބަރު ގޯޅިއެވެ.

ޗަނބޭލީ މަގުގެ ގޯޅިތައް އިރުން ދެކުނަށް ދުއްވޭ ގޮތަށް ހަމަޖައްސާފައިވާއިރު ރަބަރުގަސްމަގާއި ބޯގަންވިލާމަގުގެ ގޯޅިތައް ހަމަޖައްސާފައިވަނީ ހުޅަނގުން އިރަށް ދުއްވޭ ގޮތަށެވެ.

ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުމާލޭ ފޭސް އެކެއްގެ 14 ސަރަހައްދެއްގައި 1330 މަގުބައްތި ޖެހުމާއި މިހާރު ހުރި ބައްތިތައް ބަދަލުކުރުމުގެ މަސައްކަތްވެސް އެޗްޑީސީން ވަނީ ފަށާފައެވެ.