އަށާރަ ކިލޯ އިން މަތީގެ ބޮޑު ކަންނެއްލި ގަނެވޭނެ އެންމެ ދަށްއަގުގެ ގޮތުގައި 80 ރުފިޔާ ކަނޑައެޅުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
ބީކޭއެމްޔޫ އިން ބުނީ ކަންނެލީގެ އަގު ކޮންޓްރޯލް ކުރުމަށް މަޝްވަރާކުރުމަށް ފިޝަރީޒް މިނިސްޓްރީން ދިން ދައުވަތަކަށް އެ ޖަމިއްޔާއިން މިނިސްޓްރީގެ ކަމާ ގުޅޭ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ޔޫނިއަންގެ ފަރާތުން ހުށަހެޅީ 18 ކިލޯއިން މަތީގެ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަށް ކަމަށާއި އަދި A ގްރޭޑްގެ ގޮތުގައި ގުނާ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 100 ރުފިޔާއަށް ހަދައިދިނުމަށް ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމުގައި އެ އަގުތަކަށް އެއްބަސް ވުމަކަށް އާދެވިފައި ނުވާތީ އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މި އަހަރު ފެށުމުގެ ކުރިން ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ "ފްލޯ ޕްރައިޒް" އިއުލާން ކުރެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިހާތަނަށް އައި އިރުވެސް އެންމެ ދަށް އަގު އިއުލާންކޮށްފައެއް ނުވެއެވެ. އަދި ކަންނެލީގެ އަގު ކޮންޓްރޯލްކުރުމާ ބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓްކުރަން ރައީސް އޮފީހަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ފޮނުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ މައްސަލަތަކުގައި އަޑުއުފުލައި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޔޫނިއަނެކެވެ.