ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ހަރަކާތްތެރިވުމަށްޓަކައި ސައުދީ އަރަބިއްޔާއަށްދާ، ސިފައިންނާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލުކުރައްވައިފި އެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރުމަށްދާ ސިފައިންގެ ތެރޭގައި ހިމެނެނީ ކާނަލް މުހައްމަދު މުހުތާރާއި، މޭޖާ މުހައްމަދު ސާމިރާއި، ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲ އާއި ވޮރަންޓް އޮފިސަރު ގްރޭޑް މިފްތާހް ހުސައިނެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުހައްމަދު މުހުތާރެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި ހަތަރު ބޭފުޅުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ ސެންޓަރުގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބޭފުޅުން ސައުދީ އަރަބިއްޔާގައި ތިއްބެވުމުގެ ހަރަދުތައް ހަމަޖައްސާނީ ސައުދީ އަރަބިއްޔާގެ ފަރާތުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ގައުމަކުންވަނީ ބައިވެރިވެފަ އެވެ. މި ކޯލިޝަންގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެންބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުން ހިމެނެ އެވެ.

މި ހަތަރު ބޭފުޅުންނާ މިނިސްޓަރު ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީއައިޑީސީ)ގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލް ކާނަލް އަބްދުލް މަތީން އަހްމަދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.