ޓްރަމްޕްގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑްކޮށް ސްނެޕްޗެޓުން ވެސް ބޭންކޮށްފިއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިނގި ހަމަނުޖެހުމާއެކު އަދިވެސް ހަމަނުޖެހުން އިތުރަށް ހިނގާފާނެކަމުގެ ބިރު ހީވެ ޓްރަމްޕްގެ ޔޫޓިއުބް އެކައުންޓް ސަސްޕެންޑް ކުރަން ނިންމާފައިވާކަމަށް ޔޫޓިއުބްގެ މައި ކުންފުނި އަލްފަބެޓް އިންކް އިން ވަނީ ބުނެފައެވެ.
ޔޫޓިއުބުން ޓްރަމްޕް ސަސްޕެންޑް ކޮށްފައިވާއިރު ޓްރަމްޕްގެ އެކައުންޓަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއްވެސް ވަނީ ޑިލީޓް ކޮށްފައެވެ. ޔޫޓިއުބުން ވަނީ ވީޑިއޯ ޑިލީޓް ކޮށްފައިވަނީ ހަމަނުޖެހުމަށް ހިތްވަރު ދޭނެ ފަދަ މަންޒަރުތައް އެކުލެވޭތީ ކަމަށް ޔޫޓިއުބުން ބުނެފައި ވެއެވެ. ޔޫޓިއުބުން ވަނީ ޓްރަމްޕްގެ ޗެނަލް އަށް އެހެން ފަރާތްތަކުން ކޮމެންޓު ނުކުރެވޭނެ ގޮތަށް ބްލޮކް ވެސް ކޮށްފައެވެ.
ސްނެޕްޗެޓް އިންވެސް ވަނީ ޓްރަމްޕްގެ އެކައުންޓް ބޭން ކޮށްފައެވެ. ސްނެޕްއިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން ޓްރަމްޕްގެ އެކައުންޓް މޮނިޓާކޮށް ގިނަ ކަންތަކެއް ބެލިފައިވާ ކަމަށާއި އަދި މުޖުތަމައަށް އެންމެ ފައިދާ ކުރާނެ ގޮތަކީ އެކައުންޓް ބޭން ކުރުން ކަމަށް ސްނެޕްޗެޓްގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
މިދިޔަ ހަފްތާގައި ފޭސްބުކްގެ އިތުރުން އިންސްޓަގްރާމް އަދި ޓްވިޓާ އިންވެސް ވަނީ ޓްރަމްޕްގެ އެކައުންޓްތައް ބްލޮކް ކޮށްފައެވެ.