ގއ. ދެއްވަދޫން އިތުރު ދެ މީހަކު މިއަދު ޕޮޒިޓިވްވެ، އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދެއްވަދޫން މިއަދު އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ރަށުގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 35 އަށް ވަނީ އަރައިފައެވެ.
ދެއްވަދޫން ފުރަތަމަ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެރަށު ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމުލަ 41 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެއްވަދޫން ޕޮޒިޓިވްވި 35 މީހުންނާއި ލ. ފޮނަދޫން ޕޮޒިޓިވްވި ހަތަރު މީހުންގެ އިތުރުން ހުޅުމާލެއިން އެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި ދެ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ.
ދެއްވަދޫން 200 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާ އިރު، މިހާރު ވެސް ސާމްޕަލް ނަގަމުން އެބަ ދެއެވެ. ޓެސްޓުކުރުމަށް ސާމްޕަލް ފޮނުވަނީ މާލެއަށެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެރަށުގެ އިތުރުން ލ. ފޮނަދޫ އާއި ލ. ގަމުން މިހާރު ރެންޑަމް ސާމްޕަލް ނަގަމުން އަންނަ އިރު، ލާމު އަތޮޅުގެ ބައެއް ރަށްރަށާއި ގއ. ވިލިނގިލީގެ އިތުރުން ގދ. ތިނަދޫގައި ރެންޑަމް ސާމްޕަލް ވަރަށް އަވަހަށް ނަގަން ފަށާނެ ކަމަށް އެޗްއީއޯސީން ބުންޏެވެ.
ދެއްވަދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، އެރަށުގައި ބަލި ފެތުރެން ދިމާވި ސީދާ ސަބަބު އަދިވެސް ކަމާބެހޭ ފަރާތަކަށް ހޯދިފައެއް ނުވެއެވެ.