ޚަބަރު

ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓި، ދެމީހަކަށް އަނިޔާވެއްޖެ

އަލީ ޔާމިން

ކ. މާފުށީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެ ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާ ހިނގި ވަގުތު ކާރުގައި ތިން މީހަކު ތިއްބެވެ.

ފުލުހުން ބުނީ، އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 12:46 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހުނު ކަމަށާއި އެ ދެ ލޯންޗަށްވެސް ގެއްލުންވެފައިވާ ކަމަށެވެ. މޫދަށް ވެއްޓުނު ކާރު ދުއްވާފައި ވަނީ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.