ޚަބަރު

ޒިކުރާ މިސްކިތުގެ މައްސަލައިގައި އެސްޖޭއަށް ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ދޭން ނުޖެހޭކަމަށް ހުކުމްކޮށްފި

އަލީ ޔާމިން

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 111 މިލިއަން ރުފިޔާ ނަގައިދިނުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އެދުމުން، އެކުންފުންޏަށް އެ ފައިސާ ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ހުށަހަޅާފައިވާ އެ މައްސަލައަކީ، ޒިކުރާ މިސްކިތް ހިމެނޭ ބިމުގައި ދިހަ ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު 9 ޖުލައި 2018 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކުންފުނިން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަންޖެހޭ މުއްދަތުގައި ފުރިހަމަކޮށްފައިނުވާތީ ކަމަަށްބުނެ، އެ އެއްބަސްވުން އުވާލުމަށް ނިންމަައި އެކަމުގެ ނޯޓިސް އެސްޖޭއަށް ފޮނުވާފައިވާތީ، އެ ނޯޓިސްއަކީ ބާތިލު ނޯޓިހެއްކަމުގައި ކަނޑައަޅައިދިނުމަށާއި އެއްބަސްވުން އުވާލަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށާއި ނުވަތަ އެއްބަސްވުން ބާތިލުކުރުމަށް މިނިސްޓްރީން ނިންމުމުގެ ސަބަބުން އެކުންފުންޏަށް ލިބޭ އެއްމެހައި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީއަަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އެސްޖޭއިން ދައުވާކޮށްފައިވާ މައްސަލައެކެވެ.

ޒިކުރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި ދިހަ ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭއާ ހަވާލުކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 9 ޖުލައި 2018 ވަނަ ދުވަހުއެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތުގައި އެސްޖޭއިން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާ ކަމަށް 30 ދުވަހުގެ ނޯޓިހެއް ދިނުމަށް ފަހު، 23 މެއި 2019 ވަނަ ދުވަހުގެ ކުރިން އެތަން ހުސްކުރުމަށް މި ސަރުކާރުން އެސްޖޭ ކުންފުންޏަށް އެންގިއެވެ.

އެސްޖޭ ކުންފުނިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 141 މިލިއަން ރުފިޔާގެ ތެރެއިން އިކިއުޓީގެ ގޮތުގައި ސަރުކާރުން ދީފައިވާ 30 މިލިއަން ރުފިޔާ ކެނޑުމަށްފަހު، 111 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ.

އެސްޖޭ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ، އިސްލާމިކް މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެސްޖޭ އިން އަމަލުކޮށްފައިނުވާކަން އެނގޭ ކަމަށާއި އެއްބަސްވުން ބާތިލުކުރުމަށް އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ހުކުމްގައި ބުނީ، އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް އެއްވަނަ އިސްލާހު ގެނައުމުގެ ގަވައިދުގެ 10:55 އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ނަމަވެސް، އެސްޖޭއިން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުގެ 17.4 ވަނަ މާއްދާގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ އެސްޖޭއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައި، ހުކުމް ކުރާ ކަމަށެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމާ ގުޅޭ މައްސަލަ އޭސީސީން ވެސް ތަހުގީގުކުރިއެވެ. އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ އިތުރުން އެ މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް ހުންނެވި، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި، މިހާރު ވަނީ ޝަރީއަތް ފަށައިފައެވެ.