މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން މިއަދު ބުނީ މި އިމްތިހާނުގައި ބައިވެރިވުމަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59ގެ ނިޔަލަށެވެ.

އެ މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅުމަށް އެދިފައިވަނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ.

އިމްތިހާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ސަރުކާރުގެ ފައިސާ ބަލައިގަންނަ ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

ކެމްބްރިޖް އޭލެވެލް އިމްތިހާނާ ގުޅޭ އިތުރު މައުލޫމާތާއި ޓައިމްޓޭބަލް އަދި ފީ ޝީޓު ފަދަ ލިޔެކިޔުންތައް ޑީޕީއީގެ ރަސްމީ ލިންކްޓްރީ ޕޭޖުން ލިބެން ހުންނާނެ ކަމަށް އެ މުވައްސަސާއިން ބުންޏެވެ.

އޭގެ އިތުރުން، އިމްތިހާނުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެ ޑިޕާޓްމަންޓުގެ ހޮޓްލައިން ނަންބަރަށް ގުޅުމުން ނުވަތަ އީމެއިލް ކޮށްގެން ވެސް ލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ބުނެފައިވެއެވެ.

ކެމްބްރިޖް އޭލެވެލްގެ އިތުރުން، މިއަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައިއޭއެލް އަދި އެޗްއެސްސީ އިމްތިހާނާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނާ ގުޅޭ މައުލޫމާތުވެސް ޑީޕީއީގެ ޕްލެޓްފޯމްތަކުގައި އާންމުކޮށްފައިވެއެވެ.