ކުޅިވަރު

ނޭމާ ފިޓް ވެއްޖެ

ޕީއެސްޖީގެ ބްރެޒިލް ފޯވަޑް، ނޭމާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅު ވެ، މިހާރު ޓީމާއެކު ފަރިތަކުރަމުން އަންނަ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ފްރާންސް ލީގުގައި މިދިޔަ މަހު 13 ވަނަ ދުވަހު ޕީއެސްޖީން ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ފަޔަށް އަނިޔާ ވެ، އޭނާ ބާލާފައިވަނީ އަށިގަނޑުގައެވެ. ނޭމާގެ ފަޔަށް ލިއޯންގެ ތިއާގޯ މެންޑޭޒް ކުރި ފައުލާ ގުޅިގެން ތީއާގޯއަށް ވަނީ ރަތް ކާޑު ވެސް ދައްކައިފަ އެވެ. ނޭމާ ގެ ފައިގެ ކުޑަހުޅަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަނިޔާ ވެފައިވާއިރު، ކުޑަހުޅުގެ ކަށިކޮޅެއް ބިންދައިގެން ގޮސް ނޭމާއަށް ވަނީ ކޮޕާ އެމެރިކާގެ އިތުރުން ޕީއެސްޖީއާއެކު ހޭދަކުރި ފުރަތަމަ ސީޒަންގެ ބޮޑުބައެއް ވެސް ގެއްލިފަ އެވެ.

ކުރިއަށް އޮތް ކަޕް މެޗުގައި ޕީއެސްޖީން މާސޭއާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، ކޯޗު ޕޮޗެޓީނޯ ބުނީ ނޭމާ އެ މެޗު ފަށާނެކަމުގެ ޔަގީންކަން ނުދެވުނު ނަމަވެސް، އެ މެޗުގެ ސްކޮޑުގައި ހިމެނި، މެޗުގެ ކޮންމެވެސް ހިސާބަކުން ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ނޭމާ އެވޭލަބަލް. ނޭމާ ސްކޮޑުގައި ހިމެނޭނެ. ފުރަތަމަ 11 އަށް ނެރޭނެ ކުޅުންތެރިންނާ ދޭތެރޭ މިދަނީ ވިސްނަމުން. ހަމަ ޔަގީނުންވެސް ނޭމާ ހުރީ ފިޓްކޮށް، އެމްބާޕޭވެސް ހުރީ ފިޓްކޮށް. ވަރަށް ވަރުގަދަ ވާދަވެރި ކްލަބަކާ ދެކޮޅަށް މި ނުކުންނަނީ. ތަށި އޮތްތަނުގައި ބާއްވާފައި ނަމަށްޓަކައިވެސް މާސޭ ބަލިކުރަން ޖެހޭ. އެއީ މިހާރު އެންމެ ބޮޑު ފޯކަސްއެއް ކުރާ ކަމަކީ،" ޕޮޗެޓީނޯ ބުނެފައި ވެއެވެ.

2017 ވަނަ އަހަރު ބާސެލޯނާއިން ރެކޯޑު، 222 މިލިއަން ޕައުންޑަށް ނޭމާ ޕީއެސްޖީއަށް ބަދަލުވިފަހުން އަނިޔާގެ މައްސަލަތައް ކުރިމަތިވި ނަމަވެސް އޭނާގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ހާއްސަކޮށް މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީ ގެންދިޔުމުގައި ނޭމާގެ ދައުރު ބޮޑެވެ.