ކުޅިވަރު

ޕޮގްބާގެ ގޯލާއެކު ޔުނައިޓެޑް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް، މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު 1-0ގެ ނަތީޖާއަކުން ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވާއިރު، އެޓީމުން އެއްވަނައަށް ޖެހިލީ 17 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް 17 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއާއި ހަތަރުވަނައިގައި އޮތް އެވަޓަންއަށް 17 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ.

ލީގުގައި އެންމެފަހުން ކުޅުނު 11 މެޗުގެ ތެރެއިން ނުވަ މެޗުން ޔުނައިޓެޑް މޮޅުވެފައިވާއިރު، މިއީ އެލެކްސް ފާގަސަން ރިޓަޔާ ކުރި ފަހުން، ސީޒަނުގެ 17 މެޗާ ހަމައަށް އައިއިރު ޔުނައިޓެޑުން އެއްވަނައިގައި އޮތް ފުރަތަމަ ފަހަރެވެ. މިހާތަނަށް ފާގަސަންގެ އެރާއަށްފަހު ހަތް އަހަރު ފާއިތުވެފައިވާއިރު، އެޓީމުން 17 މެޗަށްފަހު އެއްފަހަރު ދެވަނައިގައި އޮތެވެ. އެއީ 2017-18 ސީޒަންގައި މޮރީނިއޯގެ ކޯޗު ކަމުގެ ދަށުގައެވެ. އެފަހަރު ދެވަނައިގައި އޮތްއިރު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން ބޮޑު ފަރަގެއް އޮތެވެ.

ރޭގެ މެޗުގައި ބާންލީއަށް ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، މެޗު ކޮންޓްރޯލްކޮށް ޔުނައިޓެޑުން ޑޮމިނޭޓް ކުރިއެވެ. ޔުނައިޓެޑުން ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނު ނަމަވެސް އެޓީމަށް އުނދަގޫވީ ބޯޅަ ގޯލަށް ވައްދާލާށެވެ. ކުރީކޮޅުގައި އެޑިސަން ކަވާނީއަށް ލިބުނު ދެ ފުރުސަތެއް ނަގާލިއިރު، އޭގެ އިތުރުންވެސް ޔުނައިޓެޑަށް ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

މެޗުގެ ހަމައެކަނި ގޯލް 71 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ޖަހައިދިނީ މާކަސް ރަޝްފޯޑުގެ ޕާހަކުންނެވެ. އޭރިއާ ބޭރުގައި އޮވެ ޕޮގްބާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލިއިރު، ޕޮގްބާ ބޯޅަ ފޮނުވާލީ ވައިގެ ތެރޭގައި އޮއްވައެވެ.